ޚަބަރު

މީޑިއާ ވިލެޖު ލަސްވަނީ އެތަން ހިތްގައިމު ތަނަކަށް ހަދާތީ: މުންދު

27 ޖޫން 2026 - 17:01
މީޑިއާ ވިލެޖު ލަސްވަނީ އެތަން ހިތްގައިމު ތަނަކަށް ހަދާތީ: މުންދު

ސަރުކާރުން ގާއިމުކުރާ މީޑިއާ ވިލެޖުގެ މަސައްކަތް ނިންމުމަށް ކަނޑައެޅި ތާރީޚަށް ވުރެ ލަސްވަނީ އެ ތަނަކީ ނޫސްވެރިންނަށް މަސައްކަތް ކުރަން ފަސޭހަ، ހިތްގައިމު ތަނަކަށް ހެދުމަށް ބަދަލުތަކެއް ގެންނާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، މީޑިއާ ވިލެޖުގެ މަސައްކަތް މިދިޔަ މަހުގެ ނިޔަލަށް ނިންމާލުމަށް ކުރިން އަމާޒު ހިފި ނަމަވެސް، އެ މަސައްކަތް އަދި ނުނިމޭ ކަމަށެވެ. އަދި މި މަޝްރޫއަކީ ނޫސްވެރިންގެ މަސައްކަތާ ސީދާ ގުޅުންހުރި، ސަރުކާރުން އެއްވެސް ކަމެއް ފޮރުވަން އުޅޭ މަޝްރޫއެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

މަސައްކަތް ލަސްވާން މެދުވެރިވި ސަބަބާ ގުޅޭގޮތުން މުންދު ވިދާޅުވީ، އެ ތަން ފަރުމާކުރުމުގައި އެކި މީޑިއާތަކުގެ ފަރާތުން ވަރަށް ބިނާކުރަނިވި ފީޑްބެކް ލިބިފައިވާ ކަމަށެވެ. "އެ އެތަން ނިމުމަކާ ހިސާބަށް ދިޔައިރު އަޅުގަނޑުމެން ފީޑްބެކެއް ނެގިން ބައެއް މީޑިއާތަކުގެ. އެއްޗަކަށް އެއްޗެއް ހެދުމެއް ނޫން ތާ މުހިންމީކީ. ތިޔަ ހުރިހާ ބޭފުޅުންނަށް ބޭނުންފުޅު ހިއްޕެވޭނެ، ހިތްގައިމު، އޭގެތެރެއިން ތިބޭފުޅުންގެ މަސައްކަތަށް ލުއިފަސޭހަ ލިބޭނެ ތަނެއް ހެދުން މަޤްޞަދަކީ،" މުންދު ވިދާޅުވިއެވެ.

މީޑިއާތަކުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ތަނުގެ ސައިޒާއި، ތަން އެތުރިފައި ހުންނަ ގޮތާއި، އެތަނުން ލިބޭނެ ޚިދުމަތްތަކާ ގުޅޭގޮތުން ހުށަހެޅި ކަންކަން ހިމެނެއެވެ. މީޑިއާއަކީ ވިޝުއަލް، ފޮޓޯގްރަފީ އަދި އޮންލައިން ފަދަ އެކި ދާއިރާތައް ހިމެނޭ ފުޅާ ދާއިރާއަކަށް ވުމުން، އެކި މީޑިއާތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށް ބަދަލުތައް ގެންނަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ބައެއް ނޫސްތަކަކީ ދެ ބަހުން ޚަބަރު ފަތުރާ އަދި ބޭރުގެ ކޮރެސްޕޮންޑެންޓުންނާ އެކު މަސައްކަތްކުރާ ތަންތަން ކަމަށްވާތީ، ގިނަ އަދަދެއްގެ މުވައްޒަފުންނާއި އިކުއިޕްމަންޓް ބެހެއްޓޭނެ ޖާގަ އާއި ސްޓޯރޭޖް ފަދަ ވަސީލަތްތަކަށް ވެސް ބަދަލުތައް ގެންނަން ޖެހުނު ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

މުންދު އިތުރަށް ވިދާޅުވީ، މަސައްކަތް ލަސްވި ނަމަވެސް އަމާޒަކީ ފެންވަރު ރަނގަޅު ތަނެއް ނޫސްވެރިންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މަސައްކަތް ގޮސްފައިވާ ހިސާބާއި ނިމޭނެ ތާރީޚެއް ކުރިއަށް އޮތް ތަނުގައި ހޯދުމަށްފަހު ހާމަކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0