ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭއިރު ރައްޔިތުންގެ އިހުސާސްތަކަށް އިސްކަންދޭން އެދިއްޖެ
ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ އިހުސާސްތަކަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، މުއައްސަސާގެ ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ. އަދި ފުލުހުންގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ހިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކޮށްފައިވާ މި ދަނޑިވަޅުގައި، މުއައްސަސާގެ އިދާރީ ހިންގުން ހަރުދަނާކުރުމުގައި އެގްޒެކެޓިވް ބޯޑުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އެމަނިކުފާނު ބައްލަވައިލެއްވިއެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އާއި އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ މެންބަރުން ވަނީ ފުލުހުންގެ ސްޓްރެޓީޖިކް މަގުސަދުތައް ހާސިލުކުރުމުގައި ސާބިތުކަމާއެކު ދެމިތިއްބަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށާއި، ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަން ގާއިމުކުރުމުގައި ފުރިހަމައަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.






ރިއެކްޓް