ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވާ "ފޭޝަލް ރިކޮގްނިޝަން ސިސްޓަމް" ރަސްމީކޮށް ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ކޯޕަރޭޓް ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި، ޖަޕާނު ސަރުކާރުގެ ފަރާތުން މި ސިސްޓަމް ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ.
ދިވެހި ސަރުކާރާއި މޯލްޑިވްސް އިމިގްރޭޝަނުގެ ފަރާތުން މި ސިސްޓަމާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނެވެ. މި ރަސްމިއްޔާތުގައި ކޮންޓްރޯލަރު ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަޞީޙް އާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އަދި ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިތުރުން ޖަޕާނު ސަރުކާރުގެ އިސް މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
މި ސިސްޓަމަކީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި ޖަޕާނުން ވެދިން މުހިންމު އެހީއެކެވެ. މީގެ ސަބަބުން ރާއްޖޭގެ އެއާޕޯޓްތަކުން ދަތުރުކުރާ ފަސިންޖަރުންގެ މައުލޫމާތު އަވަހަށް ސާފުކުރުމަށާއި، ބޯޑަރު ހުރަސްކުރާ މީހުންގެ އައިޑެންޓިޓީ ކަށަވަރުކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އާ ސިސްޓަމްގެ ސަބަބުން ބޯޑަރު މެނޭޖްމަންޓް ވަރުގަދަވެ، ކިއޫތަކުގައި މަޑުކުރަންޖެހޭ ވަގުތު މަދުވެގެންދާނެއެވެ. އަދި އެއަރޕޯޓުގެ ޚިދުމަތްތަކުގެ ހަލުވިކަމާއި ރައްކާތެރިކަން ދުނިޔޭގެ ފެންވަރަށް މަތިވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
ޖަޕާނު ސަރުކާރުން ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ވެދެއްވި މި އަގުހުރި އެހީތެރިކަމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އެ ގައުމުގެ ސަރުކާރަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.






ރިއެކްޓް