ޒިމްބާބުވޭގެ ރައީސް ގެ ދައުރު 2028 އިން 2030 އަށް އިތުރުކޮށްފި
ޒިމްބާބުވޭގެ ރައީސް އެމަރސަން މުނަންގަގުވާގެ ރިޔާސީ ދައުރު 2028 އިން 2030 ވަނަ އަހަރާ ހަމައަށް ދިގުދެއްމިގެންދާނެ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު އެ ގައުމުގެ ސެނެޓުން ފާސްކޮށްފިއެވެ.
މި އިސްލާހު ފާސްކުރުމާ ގުޅިގެން، އުމުރުން 83 އަހަރުގެ މުނަންގަގުވާއަށް އިތުރު ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވުމުގެ ފުރުސަތު މިވަނީ ފަހިވެގެން ގޮސްފައެވެ.
ސެނެޓުގެ ރައީސް މޭބަލް ޗިނޮމޯނާ ވިދާޅުވި ގޮތުގައި، އިއްޔެ ނެގި ވޯޓުގައި މި އިސްލާހަށް 75 ސެނެޓަރުން ތާއީދުކުރައްވާފައިވާއިރު، އިސްލާހާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެންމެ ހަތަރު ސެނެޓަރުންނެވެ. މި ބިލު މިދިޔަ ހަފުތާގައި ނެޝަނަލް އެސެމްބްލީއިން ވެސް ވަނީ 216 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފައެވެ.
ގެނެވުނު ބަދަލުތަކުގެ ތެރޭގައި ރިޔާސީ ދައުރާއި މަޖިލީހުގެ ދައުރު ފަސް އަހަރުން ހަތް އަހަރަށް އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން، ރައީސް އިންތިހާބުކުރުން ރައްޔިތުންގެ ސީދާ ވޯޓަކުން ނިންމުމުގެ ބަދަލުގައި، ދެން ރައީސަކު ހޮވާނީ މަޖިލީހުގެ ތެރެއިން ކަމަށް ވެސް މި ބިލުގައި ކަނޑައަޅާފައިވެއެވެ.
އިދިކޮޅު ފަރާތްތަކުން މި ބަދަލުތައް ސިފަކުރަނީ "ގާނޫނުއަސާސީގެ ތެރެއިން ގެނައި ބަޣާވާތެއް" ގެ ގޮތުގައެވެ. އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީގެ ބާރު ގައުމުގެ މައްޗަށް ދާއިމީކޮށް ވަރުގަދަކުރުމަށް ކުރާ މަސައްކަތެކެވެ. އަދި މި އިސްލާހާ ދެކޮޅަށް އަޑުއުފުލާ އެކްޓިވިސްޓުންނަށް ސަރުކާރުން ބިރުދައްކަމުންދާ ކަމުގެ ރިޕޯޓުތައް ވެސް ވަނީ ފެންމަތިވެފައެވެ.
ޒިމްބާބުވޭއަށް 1980 ވަނަ އަހަރު މިނިވަންކަން ލިބުނީއްސުރެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮންނަނީ ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީއަށެވެ. މުނަންގަގުވާ ވެރިކަމަށް ވަޑައިގަތީ 2017 ވަނަ އަހަރު އަސްކަރީ ބަޣާވާތެއްގެ ތެރެއިން، ކުރީގެ ރައީސް ރޮބަޓް މުގާބޭ މަގާމުން ދުރުކުރުމަށްފަހުގައެވެ.






ރިއެކްޓް