ޚަބަރު

އުސްގެކޮޅުގައި ކުރަހައި ގެއްލުން ދީފި

25 ޖޫން 2026 - 21:00
އުސްގެކޮޅުގައި ކުރަހައި ގެއްލުން ދީފި

ރާއްޖޭގެ ތާރީހީ ބިނާއެއް ކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މިކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ހާމަކުރެއްވި ގޮތުގައި، ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބައި ކަމަށްވާ އުސްގެކޮޅަށް ގެއްލުން ދޭން އުޅޭކަން އެ ވުޒާރާގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. މިކަމާ ގުޅިގެން ފުލުހުންނާ ގުޅިގެން އެ ވުޒާރާއިން މިހާރު ދަނީ މިކަން ހިނގައިދިޔަ ގޮތާއި، މިކަމުގައި ޒިންމާވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މި މައްސަލައިގައި ޒިންމާވާ ފަރާތްތަކާމެދު، ގާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ތަރިކައާ ބެހޭ ވުޒާރާއިން ބުނީ އާސާރީ ބިނާތަކަށް ގެއްލުން ދިނުމަކީ ގާނޫނީ ގޮތުން ބޮޑެތި އަދަބުތަކެއް ކަނޑައެޅިފައިވާ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން ހީނާ ވިދާޅުވީ، އުސްގެކޮޅާއި އެ ސަރަހައްދު ތަރައްގީކުރުމަށް ވުޒާރާއިން ރާވާފައިވާ މަޝްރޫއާ ގުޅިގެން، އެތަނުގެ ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ކަންކަން ވުޒާރާގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް، މިހާތަނަށް ކައުންސިލުން އެތަން ވުޒާރާއާ ހާވާލުކޮށްފައި ނުވާކަން ހީނާ ފާހަގަކުރެއްވިއެވެ.

އުސްގެކޮޅަކީ 20 ވަނަ ގަރުނުގެ ކުރީކޮޅު، އައްސުލްތާން ހާޖީ ޢިމާދުއްދީން (ހަވަނަ) (1893-1903) ބިނާކުރެއްވި، 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އާސާރީ ބިނާއެކެވެ. މިއީ މީގެ 74 އަހަރު ކުރިން ރާއްޖޭގެ އެންމެ ފުރަތަމަ ގައުމީ ދާރުލްއާސާރުވެސް ހުޅުވުނު އިމާރާތެވެ. އެ ދުވަސްވަރުގެ އިމާރާތްކުރުމުގެ ފަންނުވެރިކަން ވަރަށް ފުރިހަމައަށް ފެންނަން ހުރި މި ބިނާއަށް ދޭ ގެއްލުންތަކުގެ ސަބަބުން، އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބި، ތަނުގެ ސަގާފީ އަގު ގެއްލިގެންދާނެ ކަމުގެ ބިރު އޮތްކަން ވުޒާރާއިން ފާހަގަކުރެއެވެ.

އެހެންކަމުން، ގާނޫނާއި ގަވައިދުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ހުރިހާ ކަމެއް ތަރިކައާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މީގެ ބޭނުމަކީ މިފަދަ ތާރީހީ ބިނާތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0