ފިނޭންސް މިނިސްޓަރު ކަމަށް ޒަރީރަށް ރުހުން ދީފި
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ، ޙަސަން ޒަރީރަށްރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ޒަރީރަށް ރުހުން ދިނުމަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާޤުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރުމަށްފަހު، އެ ކޮމިޓީގެ ރިޕޯޓު މިއަދުގެ ޖަލްސާއަށް ވަނީ ހުށަހަޅާފައެވެ.
ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުންނަންޖެހޭ ޝަރުތުތައް ޒަރީރުގެ ކިބައިގައި ފުރިހަމަވާކަމަށް ކޮމިޓީގެ އިއްތިފާޤުން ފާސްކޮށްފައިވާކަމަށެވެ. މިއާއެކު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން އޭނާއަށް ވަނީ ރުހުން ލިބިފައެވެ.
ފައިނޭންސާއި އެކައުންޓިންގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލްކުރައްވާފައިވާ ޒަރީރު، މިނިސްޓަރުގެ މަޤާމަށް ޢައްޔަންކުރެއްވުމާ ހަމައަށް ހުންނެވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގައެވެ. އޭނާއަކީ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ޒަރީރުގެ މާޒީއަށް ބަލާއިރު، 2007 އިން 2010 އަށް ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިއުގެ މަޤާމު އަދާކުރެއްވިއެވެ. އަދި 2010 އިން 2019 އަށް ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.






ރިއެކްޓް