ޚަބަރު

ހިރިމަރަދޫ ރައްޔިތުންގެ ބަޖެޓު ފިނޭންސް މިނިސްޓްރީން އަދިވެސް ހަނިމާދޫއާއި ހަވާލެއް ނުކުރޭ: ފިރާގު

23 ޖޫން 2026 - 21:09
ހިރިމަރަދޫ ރައްޔިތުންގެ ބަޖެޓު ފިނޭންސް މިނިސްޓްރީން އަދިވެސް ހަނިމާދޫއާއި ހަވާލެއް ނުކުރޭ: ފިރާގު

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ރައީސް މުޢިއްޒުގެ ރިޔާސީ ޤަރާރަކުން އުވާލި ހިރިމަރަދޫ ރައްޔިތުންގެ ރަށްވެހި ޚިދުމަތްތަކަށް ބަޖެޓުކޮށްފައިވާ ބްލޮކް ގްރާންޓް ހަނިމާދޫ ކައުންސިލަށް މިއަދާއި ހަމައަށްވެސް ލިބިފައި ނުވާކަމަށް ހަނިމާދޫ ކައުންސިލުގެ ނާއިބުރައީސް ފިރާގު މުހައްމަދު ވިދާޅުވެއްޖެއެވެ.

ފިރާގު ވިދާޅުވީ ހިރިމަރަދޫ އަކީ ހަނިމާދޫގެ އަވަށެއްގެ ގޮތުގައި ހަމަޖެހިފައިވީ ނަމަވެސް ހިރިމަރަދޫ ރައްޔިތުންނަށް ދޭންޖެހޭ ރަށްވެހި ޚިދުމަތްތަކަށް ބޭނުންވާ ބަޖެޓުގެ ބްލޮކް ގްރާންޓުން އެއްވެސް މިންވަރެއް ހަނިމާދޫ ކައުންސިލަށް މިހާތަނަށް ލިބިފައި ނިވެއެވެ. އަދި މި ފައިސާ ފިނޭންސް މިނިސްޓްރީން ދޫކުރާނެ އިރެއް ދުވަހެއް ބުނެފައި ނުވާކަމަށްވެސް ފިރާގު ފާހަގަކުރިއެވެ. 

ހަނިމާދޫ ކައުންސިލުން ވަނީ މީގެ ސަބަބުން ހަނިމާދޫ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ބުރޫ އަރާފާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބްލޮކް ގްރާންޓް ލިބުން ލަސްވުމުގެ ސަބަބުން ހަނިމާދޫގެ ބައެއް ޚިދުމަތްތައް ހުއްޓުމަކަށް އަތުވެދާނެކަމަށްވެސް ހަނިމާދޫ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައި، އެރަށުގެ އިދާރީ ހިންގުން ހަނިމާދޫ ކައުންސިލާ ހަވާލުކުރި ނަމަވެސް ހިރިމަރަދޫ ކައުންސިލަށް ސަރުކާރުން ދޭ ފައިސާ ހަނިމާދޫ ކައުންސިލާއި ހަވާލު ކޮށްފައެއް ނުވެއެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ތުހުމަތު ކުރެއްވި ގޮތުގައި، މިއީ އެއްވެސް ސާވޭއެއް ނެތި ސިޔާސީ މަންފާއަކަށްޓަކައި އިންތިހާބާ ދިމާކޮށް ސަރުކާރުން ނިންމި ނިންމުމެކެވެ. ރައީސް އޮފީހުގެ ގަރާރަކުން ބޮޑު އަމުރެއް ކޮށްފައި އޮތް ނަމަވެސް، ކަމާބެހޭ މުއައްސަސާތަކުން އެއްބާރުލުން ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަށުގެ ހާލަތު އިތުރަށް ބަޔާންކޮށްދެއްވަމުން ފިރާގު ވިދާޅުވީ، ހިރިމަރަދޫއަށް ގޭސް ގެންނަނީ ކައުންސިލުން ކަމަށްވާއިރު، ބަޖެޓު ނެތުމުގެ ސަބަބުން މިހާރު ރަށުން ގޭސް ހުސްވެފައިވާ ކަމަށެވެ. އަދި ރަށުގެ ގުރުއާން ކްލާހާއި ޕްރީ ސްކޫލްވެސް ހުއްޓުމަކާ ގާތްވެފައިވާކަން ކައުންސިލުން ފާހަގަކުރެއެވެ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރާނެ ވަކި ތާރީހެއް ސަރުކާރުން ހާމަކޮށްފައި ނުވާއިރު، އެ މަޝްރޫއު ކުރިއަށް ނުދާތީ ރައްޔިތުން ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0