ޚަބަރު , ވިޔަފާރި , ޓެކްނޮލޮޖީ

'ރާއްޖެ އައި' ޕޭޕަލްއިން %34 ކޮމިޝަނެއް ނަގާ ކަން ހާމަވެއްޖެ

20 ޖޫން 2026 - 18:09
'ރާއްޖެ އައި' ޕޭޕަލްއިން %34 ކޮމިޝަނެއް ނަގާ ކަން ހާމަވެއްޖެ

އޫރީދޫ އެމް-ފައިސާ އާއި ޕޭޕަލް ގުޅުވައިގެން ދޭން ފެށި ހިދުމަތް ޓެސްޓު ކުރުމަށްފަހު އެ ހިދުމަތުން 34 އިންސައްތައިގެ ކޮމިޝަނެއް ނަގާކަން ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަރުޝަދު އަހުމަދު ހާމަކޮށްފިއެވެ. 

ކޮމްޕިއުޓަރ ސައިންސާއި އާޓީފިޝިއަލް އިންޓެލިޖެންސް (އޭއައި) ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަރުޝަދު ވަނީ މި ހިދުމަތް ބޭނުންކޮށްގެން ކުރި ޓެސްޓުތަކުގެ ތަފްސީލް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އަރުޝަދު ފާހަގަކުރި ގޮތުގައި، ބޭރުގެ ޕޭޕަލް އެކައުންޓަކުން އެމް-ފައިސާއާ ގުޅުވާފައިވާ ޕޭޕަލް އެކައުންޓަކަށް ފައިސާ ފޮނުވުމުން ގާތްގަނޑަކަށް 34 އިންސައްތައިގެ ކޮމިޝަނެއް ޕޭޕަލްއިން ކަނޑައެވެ. "އަޅުގަނޑުމެން 1 ޑޮލަރު ފޮނުވުމުން ލިބުނީ އެންމެ 0.66 ޑޮލަރު،" އަރުޝަދު ބުންޏެވެ. މީގެ އިތުރުން ރާއްޖޭގެ އެހެން ޕޭޕަލް އެކައުންޓަކުން އެމް-ފައިސާއާ ގުޅުވާފައިވާ އެކައުންޓަކަށް ފައިސާ ނުފޮނުވޭކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މި ހިދުމަތާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަމުން އަރުޝަދު ބުނީ، ޕޭޕަލް މާޗަންޓް ސާވިސް މިހާރު ލިބެން ނެތުމުގެ ސަބަބުން، ޕޭމަންޓް ގޭޓްވޭއެއްގެ ގޮތުގައި ނުވަތަ ސަބްސްކްރިޕްޝަން ފީ ބަލައިގަތުމަށް މި އެކައުންޓް ބޭނުން ނުކުރެވޭ ކަމަށެވެ. އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުން ފައިސާ ނެގުމަށް ވެސް މި އެކައުންޓް ބޭނުން ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.

ފައިސާ ނެގުމުގެ ތަޖުރިބާއާ ގުޅޭގޮތުން އޭނާ ބުނީ، އެމްފައިސާގެ ޕޭޕަލް ވޮލެޓަށް ލިބުނު ފައިސާ ހިފަހައްޓާފައި ހުރުމުގެ ސަބަބުން، އެމް-ފައިސާއަށް ޔޫއެސް ޑޮލަރު ނެގުމުގެ ޓެސްޓުތައް އަދި ފުރިހަމަ ކުރެވިފައި ނުވާ ކަމަށެވެ.

އަރުޝަދު ނިންމާލަމުން ބުނީ، މިހާރު އޮތް އެމް-ފައިސާ އަދި ޕޭޕަލްގެ ގުޅުމަކީ ރާއްޖޭގެ ކްރިއޭޓަރުންނަށް ދިމާވެފައިވާ އަސްލު މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށެވެ. "މިހާރު މި ހިދުމަތުން ހަމައެކަނި ކުރެވޭ ކަމަކީ އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރުމާއި، ބޭރުގެ އެކައުންޓްތަކުން އަމިއްލަ ފަރުދުން ފޮނުވާ ފައިސާ ބަލައިގަތުން،" އޭނާ ލިޔެފައިވެއެވެ. މާޗަންޓް ހިދުމަތްތައް ނުލިބޭހާ ހިނދަކު މިއީ ފުރިހަމަ ހައްލެއް ނޫންކަން އޭނާ ފާހަގަކުރިއެވެ.

އަރުޝަދު އަހުމަދަކީ ނޮޓިންގހަމް ޔުނިވަރސިޓީން ކޮމްޕިއުޓަރ ސައިންސްގެ ފުރަތަމަ ޑިގްރީ އަދި ސެއިންޓް އެންޑްރޫސް ޔުނިވަރސިޓީން އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން މާސްޓަރސް ހާސިލްކޮށްފައިވާ، ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 4
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 1
މަޖާ މަޖާ 2