ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ހޯދައި ހައްޔަރުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ.
މި މައްސަލައާ ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ. އޭނާއަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ ފަރާތެކެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިޒްޔާން ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އޭނާ ރާއްޖެ ދޫކޮށް ދިޔަ ފަހުން މިހާތަނަށް އުޅޭ ވަކި ތަނެއް އެނގިފައިނުވާތީ، އޭނާ ހޯދުމަށް ބައިނަލްއަގުވާމީ ފުލުހުންގެ އެހީތެރިކަމަށް މިވަނީ އެދިފައެވެ.
އިންޓަޕޯލް ރެޑް ނޯޓިސް ނެރެނީ، ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާއެކު، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ހޯދައި ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުން ހައްޔަރުކުރުމަށް މަގުފަހިކުރުމަށެވެ. މި ނޯޓިސްތަކަކީ ތަހުގީގަށް ހާޒިރުކުރުމަށް ނުވަތަ ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ހޯދާ ފަރާތްތަކުގެ މައުލޫމާތު ބައިނަލްއަގުވާމީ ފެންވަރުގައި އާންމުކުރުމަށް ނެރޭ ނޯޓިސްތަކެކެވެ.
މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް ރާއްޖެއިން ބޭރުގައި ތިބި ނަމަވެސް، އިންޓަޕޯލް މެދުވެރިކޮށް އެމީހުން ހޯދައި ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.






ރިއެކްޓް