ނޫސްވެރިންގެ ބައްދަލުވުން ނުބޭއްވެނީ ރައީސް އަށް ވަގުތު ނުވެގެން: ތަރުޖަމާނު
ކޮންމެ ހަފްތާއެއްގެ ހޯމަދުވަހު ނޫސްވެރިންނާއެކު ރައީސް މުއިއްޒު ބާއްވަން ވަޢުދުވެވަޑައިގެންނެވި ބައްދަލުވުން ފާއިތުވި ދެހަފްތާގައި ނުބޭއްވުނީ ރައީސްއަށް ވަގުތު ނުވެގެން ކަމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު ވިދާޅުވީ "ވަގުތު ވާނަމަ ޕްރެސް ބާއްވާނެ ކަމަށާއި މިދިޔަ ހަފްތާގައި ރައީސް ބިޒީ" ކަމަށެވެ.
ކޮންމެ ހަފްތާއަކު ނޫސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް އެ ދުވަހު ވިދާޅުވީ "ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަން،" މިފަދައިންނެވެ.
ނަމަވެސް މާރިޗް މަހުން ފެށިގެން މިއަދާއި ހަމައަށް އައި އިރު ރައީސް އަށް ކޮންމެ ހަފްތާއަކު ނޫސްވެރިންނާއި ބައްދަލުކުރުން ބުރައަކަށްވެ، ގަވާއިދުން އެކަން ނުކުރެވޭތަން ވަނީ ފެންނަން ފަށާފައެވެ.
ރައީސްގެ އިތުރުން ސަރުކާރުގެ ތަރުޖަމާނު ވެސް ކޮންމެ ހަފްތާއަކު ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށް ވިދާޅުވިޔަސް އެކަންވެސް ވަނީ ގަވާއިދުން ނުކުރެވޭ ކަމަކަށް ވެފައެވެ. މިގޮތުން ފާއިތުވީ ދެ ހަފްތާގައި ތަރުޖަމާނު ނޫސްވެރިންނާއި ބައްދަލުނުކުރައްވާ ސަބަބު އޮޅުން ފިލުވާލުމަށް ސުވާލުކޮށްލުމުން ތަރުޖަމާނު ވިދާޅުވީ "ލޮލުރޯގާ ޖެހިގެން އުޅުއްވާ" ކަމަށެވެ.
"2 ހަފްތާވެއްޖެ. މި އިންފެކްޝަނާއި ހަނގުރާމަ ކުރާތާ. ނަސީބުދެރަކަމުން އަދިވެސް ރަނގަޅެއް ނުވޭ" މުންދު ވިދާޅުވިއެވެ. މީޑިއާތަކާއި ގާތް ގުޅުމެއް ބާއްވަވާ މުންދު އިތުރަށް ވިދާޅުވީ ރަނގަޅުވީހާ އަވަހަކަށް މީޑއާތަކާއި ބައްދަލުކުރައްވާނެ ކަމަށެވެ.
ރައީސް މުއިއްޒު ފާހަގަވެފައިވަނީ މީޑިއާ އާއި ދުރު އަދި މީޑިއާގެ މިނިވަންކަން ހަގީގީ މާނައިގައި ގަބޫލުނުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.






ރިއެކްޓް