ޚަބަރު

ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

18 ޖޫން 2026 - 13:07
ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އއ. ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އއ. ހިމަންދޫ، ހިރުދުގަސްދޮށުގެ، ޙަސަން ޢަރީބް (23އ) އެވެ.

މި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން އއ. އަތޮޅަށް ދަތުރުކުރަމުންދާ ލޯންޗެއްގައި އޭނާ މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ޖޫން 11 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ފެރިދޫ ޕޮލިސް ސްޓޭޝަނާއި މާޅޮހު ޕޮލިސް ސްޓޭޝަން ގުޅިގެންނެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި، ޙަސަން ޢަރީބް ހައްޔަރުކޮށްފައިވަނީ ފެރިދޫ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރުމަށްފަހުގައެވެ. އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި ތިން ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

ފުލުހުންގެ އިދާރާއިން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0