ޚަބަރު , ސިޔާސީ , ޓެކްނޮލޮޖީ

ގުނަވަން ބަދަލުކުރުމުގެ ބިލު އަނބުރާ މަޖިލީހަށް

17 ޖޫން 2026 - 10:11
ގުނަވަން ބަދަލުކުރުމުގެ ބިލު އަނބުރާ މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ތަޞްދީޤުކުރުމަށް ފޮނުއްވާފައިވާ "އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު" މުރާޖަޢާކުރައްވައި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ފެންނާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް މި ބިލު އަނބުރާ ފޮނުއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއަކާ އެކުގައެވެ.

މި ސިޓީގައި ބިލު ތަޞްދީޤު ނުކުރައްވައި އަނބުރާ ފޮނުއްވާލެއްވި މައިގަނޑު ސަބަބުތަކާއި، ބިލުގައި ހުރި ގާނޫނީ އަދި އިޖުރާއީ ކަންބޮޑުވުންތައް ވަނީ ތަފްސީލުކޮށް ބަޔާންކުރައްވާފައެވެ. ރައީސް ފާހަގަކުރެއްވި މުހިންމު ނުކުތާތަކުގެ ތެރޭގައި، ބަންދުގައި ތިބޭ މީހުން ނުވަތަ ގައިދީން ގުނަވަން ހަދިޔާކުރުމާ ގުޅޭގޮތުން ބިލަށް ގެނެސްފައިވާ ބަދަލުތައް ހިމެނެއެވެ.

ސަރުކާރުން ބިލު ހުށަހެޅިއިރު، ގައިދީންނަކީ މަޖުބޫރުކަމެއް ނެތި ފުރިހަމަ މިނިވަން އިޚްތިޔާރުގައި ރުހުން ދެވޭނެ ބައެއް ކަމަށް ނުބެލެވޭތީ އެ ފުރުސަތު އޮތީ ހަނިކޮށްފައެވެ. ނަމަވެސް މަޖިލީހުން ބިލު ފާސްކުރިއިރު އެ ޝަރުޠުތައް އުނިކޮށްފައިވާތީ، އެކަމުގެ ސަބަބުން ބިލު ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ބިލުގައި ކަނޑައަޅާފައިވާ ބައެއް އަދަބުތައް އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާ ފުށުއެރުމުގެ ފުރުސަތު އޮތްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ގިޞާޞް ހިފުމާއި ދިޔަ ދިނުމާ ގުޅޭ ގޮތުން ބިލުގައި ހުރި މާއްދާތަކުގައި ކުށުގެ އަމަލާއި އަދަބު ސާފުކޮށް ބަޔާންވެފައި ނެތުމަކީ، ޝަރީޢަތުގެ އުޞޫލުތަކުން ބޭރުން އަދަބު ތަންފީޒުވުމުގެ ބިރު އޮތް ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ބިލުގެ އިޖުރާއީ ކަންކަމަށް ބަލާއިރު، ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމަށް ކަނޑައަޅާފައިވާ މުއްދަތާއި، ގާނޫނަށް އަމަލުކުރަން ފަށާ މުއްދަތާ ދެމެދު ފުށުއެރުންތަކެއް ހުރިކަން ރައީސްގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އަދި އޯގަން ޓްރާންސްޕްލާންޓް ކައުންސިލް އުފެއްދުމުގެ ކުރިން، އެ ކައުންސިލުގެ ލަފާގެ މަތިން ހަދަންޖެހޭ ގަވާއިދުތައް ހެދުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ބިލު އަނބުރާ ފޮނުއްވަމުން، ރައީސް މުޢިއްޒު ވަނީ މަޖިލީހުން މިކަންކަމަށް ރިޢާޔަތްކޮށް ބިލު އަލުން މުރާޖަޢާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0