މައުލޫމާތު ނުދޭނަމަ، މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ނިންމައިފި
ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރަން ބޭނުންވާ މައުލޫމާތުތައް ނުދޭނަމަ، މާލޭގެ މަސް މާރުކޭޓު އަޅާ ބިން ހައުސިން މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެޑައިގަތް ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މަސް މާރުކޭޓު އެޅުމަށް ބިން ހަވާލުކޮށްދިނުމަށް އެދި ހައުސިން މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް، އެ ބިން ހަވާލުކުރުމުގެ ކުރިން ގާނޫނީ ގޮތުން ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި، އެ ކަންކަން ކޮށްދިނުމަށް އެދި މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވި ގޮތުގައި އެ މާރުކޭޓު އަވަހަށް އަޅަން ބޭނުންފުޅުވި ނަމަވެސް، އެ ކަމަށް ލަސްތަކެއް ކުރިމަތިވަނީ ކަންތައްތައް "އޮޅުން ބޮޅުންވެފައި" އޮތް ވަރުންނެވެ. އަދި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކައުންސިލްގެ ބައްދަލުވުންތަކަށް ވަގުތު ދެއްވައިގެން ޒިންމާ އަދާކުރެއްވުމަށް ވެސް އާޒިމް ވަނީ ގޮވާލައްވާފައެވެ.
މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގެ ދުވަސްވަރު 6.1 މިލިއަން ޑޮލަރަށް ބަޔަކާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. ނަމަވެސް، ނޮވެމްބަރު 17، 2023 ގައި މޭޔަރުކަމުގެ ގޮނޑި ހުސްވެ އާޒިމް ހަވާލުވެވަޑައިގަތުމުގެ ކުރިން، އެ އެއްބަސްވުން އުވާލައި މުޅިން އެހެން ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. އާ އެއްބަސްވުމުގައި މަސައްކަތުގެ އަގު ވަނީ 9.5 މިލިއަން ޑޮލަރަށް ބޮޑުކޮށްފައެވެ.
މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ގާސިމެވެ. މި މައްސަލަ ބަލަން އޭނާ ކައުންސިލަށް ހާޒިރުކުރަން އެދުނު ނަމަވެސް، އޭރު ޕީއެންސީ މެޖޯރިޓީ އޮތް ކައުންސިލުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން އެކަން ވަނީ ނުވެފައެވެ.
މޭޔަރު އާޒިމް ވިދާޅުވީ ހައުސިން މިނިސްޓްރީން ބޭނުންވާ މައުލޫމާތުތައް މިއަދު ދީފިނަމަ، އެ ކަން ދިރާސާ ކުރުމަށްފަހު މަސައްކަތް ފެށުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ކައުންސިލުން ދޭނެ ކަމަށެވެ. މި ހުށަހެޅުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ ކައުންސިލަރު ޚަދީޖާ މުޙައްމަދު ވަނީ ތާއިދުކުރައްވާފައެވެ.






ރިއެކްޓް