ޚަބަރު

އެމްޑީޕީ މުޒާހަރާ އާ ގުޅިގެން ދައުވާ އުފުލި 8 މީހުންގެ ޝަރީއަތް ފަށައިފި

17 ޖޫން 2026 - 12:50
އެމްޑީޕީ މުޒާހަރާ އާ ގުޅިގެން ދައުވާ އުފުލި 8 މީހުންގެ ޝަރީއަތް ފަށައިފި

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންގެ ދައުރަށް ހުރަސްއެޅި ކަމަށް ބުނާ އަށް މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ހިމެނެއެވެ. މީގެ އިތުރުން ދައުވާ ލިބޭ މީހުންގެ ތެރޭގައި އަބްދުއްސަލާމް، މުހައްމަދު ހަމާއިދު އަބްދުލްގަނީ، އަލީ ނައުފަލް، އާއިޝަތު ނަޖުދާ އަލީ، އަލީ މުއައްވަޒު އަދި ހުސައިން ރަޝީދު ހިމެނެއެވެ.

މިއަދު ބޭއްވި އަޑުއެހުމަށް މެންބަރު މައުރޫފް ފިޔަވައި ދެން ތިބި ހަތް މީހުން ހާޒިރުވިއެވެ. މީގެ ތެރެއިން އަލީ ނައުފަލް، އަލީ މުއައްވަޒު އަދި ހުސައިން ރަޝީދު ވަނީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދިފައެވެ. ނަމަވެސް އެ ފަރާތްތަކުން ފޯމު ހުށަހެޅީ ރޭގެ ވަގުތެއްގައި ކަމަށްވާތީ، ޕީޖީ އޮފީހުން އެކަމުގައި އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ދައުވާ ލިބޭ ބާކީ ތިބި ހަތަރު މީހުން އެދުނީ ވަކީލަކު އައްޔަންކުރުމަށް 30 ދުވަހުގެ ފުރުސަތެއް ދިނުމަށެވެ. އެހެންނަމަވެސް، ބަންދުގައި ނެތް މީހުންނަށް ވަކީލަކު އައްޔަންކުރަން އާންމުކޮށް ދޭ 10 ދުވަހުގެ މުއްދަތު މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް ޒިހުނީ ވަނީ ދެއްވާފައެވެ. ގާޒީ ވިދާޅުވީ 10 ދުވަސް ދިން ނަމަވެސް، ދެން އަޑުއެހުމެއް ތާވަލުކުރާނީ އެއަށްވުރެ ދިގު މުއްދަތެއް ލިބޭނެ ގޮތަށް ކަމަށެވެ.

މި މައްސަލައަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ މަޖީދީމަގުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުންގެ އިރުޝާދާ ހިލާފުވެ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅި ކަމަށް ބުނެ އުފުލާފައިވާ ދައުވާއެކެވެ. އެ ރޭގެ މުޒާހަރާ ފެށުނުތަނާހެން ފުލުހުން ވަނީ ހުރަސްއަޅައި މުޒާހަރާ ރޫޅާލާފައެވެ.

މި ހާދިސާއާ ގުޅިގެން އިތުރު ހަތް މީހަކު ވެސް ހައްޔަރުކޮށް ދައުވާކުރަން ފޮނުވި ނަމަވެސް، ޕީޖީ އޮފީހުން ނިންމާފައިވަނީ އެ މީހުންގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ. މިއަދު ޝަރީއަތް ފެށުނު އަށް މީހުންގެ ތެރޭގައި ހިމެނޭ ޒަހިއްޔާ އަކީ މައްސަލަ ހިނގި ފަހުން މާލޭ ސިޓީ ކައުންސިލްގެ މެންބަރަކަށް އިންތިހާބުވި ފަރާތެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0