ޚަބަރު

މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ނައްތާލައިފި

16 ޖޫން 2026 - 16:25
މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ނައްތާލައިފި

މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތަކީ މާލޭގެ މަގުމަތީގެ ރީތިކަން ދަމަހައްޓައި، އާންމު މަސްލަހަތު ހިމާޔަތްކުރުމަށް ކުރިއަށް ގެންދެވުނު މުހިންމު މަސައްކަތެކެވެ.

މި ޖޫން މަހުގެ 15 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި މަސައްކަތަކީ ފުލުހުންގެ ގޭންގު ކުރައިމް ސަޕްރެޝަން ޔުނިޓާއި، މާލެ ސިޓީ ކައުންސިލު ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެކެވެ. މި މަސައްކަތުގެ ތެރެއިން މާލޭގެ އެކި މަގުތަކުގެ ފާރުތަކާއި، އާންމު ތަންތަނުގެ އިތުރުން ސިނަމާލެ ބުރިޖުގައި ކުރަހާފައި ހުރި ބޭއަދަބީ ކުރެހުންތަކާއި ލިޔުންތައް ވަނީ ފޮހެ ނައްތާލާފައެވެ.

މި މަސައްކަތަކީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތެކެވެ. އެގޮތުން މާލެ ސިޓީގެ އިތުރު ސަރަހައްދުތަކުގައި ހުރި މިފަދަ ކުރެހުންތަކާއި ލިޔުންތައް ނައްތައިލުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް ތަނުގައި މާލެ ސިޓީ ކައުންސިލާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މާލެ ސިޓީއަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ފުލުހުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ ގްރެފިޓީތައް ނައްތާލުމަކީ މާލޭގެ މާހައުލު ސާފުތާހިރުކޮށް ބޭއްވުމަށާއި، ކުށްކުރުމަށް ހިތްވަރުލިބޭ ފަދަ ނިޝާންތައް ފޮހެލުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0