ޚަބަރު

މަސްތުވާތަކެއްޗާއެކު އައްޑޫ ސިޓީން ހަތަރު މީހުން ހައްޔަރުކޮށްފި

15 ޖޫން 2026 - 17:41
މަސްތުވާތަކެއްޗާއެކު އައްޑޫ ސިޓީން ހަތަރު މީހުން ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންތަކަކީ ގަން ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ސައުތު ޕޮލިސް ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ޓީމު އަދި ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެން ހިންގި އޮޕަރޭޝަންތަކެކެވެ.

މި މަހުގެ 14 ވަނަ ދުވަހު ހިންގި މި ދެ އޮޕަރޭޝަންގެ ތެރެއިން ފޭދޫގައި ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 35 ރަބަރު ޕެކެޓު ފެނިފައިވެއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 4.8 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، ސ. ފޭދޫ / ހަނދުވަރު، އަޙްމަދު ލީން ފާރޫޤު (27އ) އާއި ސ. މަރަދޫފޭދޫ / ސޭންޑީބީޗް، ޢަބްދުﷲ ފަޒީން (41އ) 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ ތިންވަނަ މީހާ ކޯޓުން ވަނީ ދޫކޮށްލާފައެވެ.

މީގެ އިތުރުން މަރަދޫފޭދޫގައި ހިންގި ވަކި އޮޕަރޭޝަނެއްގައި ސ. މަރަދޫފޭދޫ / އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި، އޭގެ ބަރުދަނުގައި 2.81 ގުރާމް ހުރި ކަމަށް ފުލުހުން ބުނެއެވެ.

ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ޝަރަތުގެ ބަންދަށްވެސް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން ދަނީ މި ދެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0