ޚަބަރު

އޮސްޓްރޭލިއާއިން ހަދިޔާކުރި މަނަވަރު ރާއްޖެ ގެނެސްފި

15 ޖޫން 2026 - 12:49
އޮސްޓްރޭލިއާއިން ހަދިޔާކުރި މަނަވަރު ރާއްޖެ ގެނެސްފި

ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރަށްފަހު، އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ނޭވީ މަނަވަރު މިއަދު ރާއްޖެ ގެނެސްފިއެވެ.

އޮސްޓްރޭލިއާގެ ޕާރތުން ފުރައިގެން ހުޅުމާލޭ ބަނދަރަށް މި އުޅަނދު އައުމުން، ރަސްމީކޮށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އާއި އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޑޭވިޑް ޖެސަޕްއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަނަވަރު ހުޅުމާލޭ ބަނދަރަށް ވަދެފައިވަނީ ކަނޑުމަތީގެ އާދަކާދަތަކާ އެއްގޮތަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓަކާ އެކުގައެވެ. އަދި އުޅަނދަށް މަރުޙަބާ ކިޔުމުގެ ގޮތުން ވޯޓަރ ސެލިއުޓެއް ވެސް ވަނީ އަރުވާފައެވެ. މަނަވަރު ބަނދަރުކުރުމުން އިސްވެރިން ވަނީ އުޅަނދަށް ޒިޔާރަތްކުރައްވައި، އުޅަނދުގެ ވަސީލަތްތައް ބައްލަވާލައްވާފައެވެ.

މި އުޅަނދަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހޯއްދަވައިދެއްވި އުޅަނދެކެވެ. މިއީ އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ.

މި އުޅަނދު ރާއްޖެއަށް ގެނައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ. މިއީ ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެކެވެ.

އެމްއެންޑީއެފުން ބުނީ، މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި މި އުޅަނދު ރަސްމީކޮށް ޚިދުމަތަށް ނެރުމުން، ކަނޑުމަތީގައި ހިންގާ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވުމާއި، މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ. މިއަދުގެ ހަރަކާތުގައި އެމްއެންޑީއެފްގެ އިސް އޮފިސަރުންގެ އިތުރުން، އުޅަނދުގެ ފަޅުވެރިންގެ އާއިލާތަކުން ވެސް ބައިވެރިވެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0