ޚަބަރު

އާދަމް ޝަރީފާއި ތޯރިގު ސަފީރުކަމަށް އައްޔަނުކުރަން މަޖިލީހުން ރުހުންދީފި

15 ޖޫން 2026 - 13:07
އާދަމް ޝަރީފާއި ތޯރިގު ސަފީރުކަމަށް އައްޔަނުކުރަން މަޖިލީހުން ރުހުންދީފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ގަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ކުރީގެ ދެ މިނިސްޓަރުން ކަމަށްވާ ތޯރިގު އިބްރާހީމާއި އާދަމް ޝަރީފް އުމަރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މި ދެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްފަހު މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމި ރިޕޯޓަށް މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާފައެވެ.

ޔޫއޭއީގެ ސަފީރުކަމަށް ތޯރިގު އިބްރާހީމް އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓުންނެވެ. އޭނާ އައްޔަންކުރަން ނުފެންނަ ކަމަށް 10 މެންބަރަކު ވޯޓު ދެއްވިއެވެ. ގަތަރުގެ ސަފީރުކަމަށް އާދަމް ޝަރީފް އައްޔަންކުރުމަށް ފާސްވީ 66 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓުންނެވެ. އޭނާ އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.

ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް މިދިޔަ އަހަރުގެ ޖޫން މަހު ގާއިމުކުރި ފަހުން، އެ ގައުމަށް ކަނޑައަޅާ ފުރަތަމަ ސަފީރަކަށް އާދަމް ޝަރީފް ވެވަޑައިގަންނަވާނެއެވެ. ރާއްޖެއާއި ގަތަރާ ދެމެދު 1984 ވަނަ އަހަރު ފެށި ހާރިޖީ ގުޅުން، ރައީސް ޔާމީންގެ ވެރިކަމުގައި މެދުކަނޑާލުމަށްފަހު އަލުން އިއާދަކުރީ 2021 ވަނަ އަހަރު ރައީސް ޞާލިހުގެ ދައުރުގައެވެ. ޔޫއޭއީގެ ސަފީރުކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިދިޔަ އޭޕްރީލް މަހު އެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

ސަފީރުކަމަށް އައްޔަންކުރެއްވި ތޯރިގު އިބްރާހީމަކީ ރައީސް ވަހީދާއި ރައީސް ޔާމީންގެ އިތުރުން މިހާރުގެ ރައީސް މުއިއްޒުގެ ސަރުކާރުގައިވެސް އެންވަޔަރްމެންޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައެވެ. އާދަމް ޝަރީފަކީ ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަމާއި މަޖިލިސް މެންބަރުކަން ކުރެއްވުމަށްފަހު، މި ސަރުކާރުގެ ސިޓީސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

މި ދެ ބޭފުޅުންވެސް ކެބިނެޓުން ވަކިވެވަޑައިގަތީ ދާދި ފަހުން ސަރުކާރަށް ގެނައި ބަދަލުތަކާ ގުޅިގެންނެވެ. ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދިނުމާ ހަމައަށް މި ދެ ބޭފުޅުން ތިއްބެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0