އާ ގަވާއިދާއި އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް
ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމަށް އަލަށް އެކުލަވާލާފައިވާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވިޔަފާރިވެރިންނަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފިއެވެ.
މިދިޔަ ހަފުތާގައި އާންމުކުރި މި ގަވާއިދަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.
މި ގަވާއިދުގައިވާ ގޮތުން ކާބޯތަކެތި ބަންދުކުރަންވާނީ އެކަމަށް ޚާއްޞަ 'ފުޑް ގްރޭޑަޑް' މެޓީރިއަލްތަކުގައެވެ. މީގެ އިތުރުން، އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕެޓް ފުޅި ފަދަ ތަކެތީގައި ކާބޯތަކެތި ބަންދުކުރުމަކީ މިހާރު މަނާކަމެކެވެ. އަދި އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތި އެތެރެކުރުމާއި ވިޔަފާރީގެ ބޭނުމަށް އުފެއްދުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުށް ތަކުރާރުވާ މިންވަރަށް ބަލައި 10,000 ރުފިޔާއިން ފެށިގެން 750,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން، މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރުވެސް އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.
އަސްލު އޮޅޭގޮތަށް ލޭބަލް ކުރުމުގެ ސަބަބުން މީހެއްގެ ސިއްޙަތަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ފުރާނައަށް ނުރައްކާވެއްޖެނަމަ، އެ އަމަލު ކުރި ފަރާތެއް 1,000,000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ލޭބަލްކުރުމުގެ މިންގަނޑާ ޚިލާފުވާ ފަރާތްތައް ފަސްވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެ ފަރާތެއްގެ ލައިސަންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރެވޭނެއެވެ.
މި އައު ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މީގެ ކުރިން އަމަލުކުރަމުން އައި ޤައުމީ މިންގަނޑު މިހާރު ވަނީ އުވާލާފައެވެ.






ރިއެކްޓް