މީދޫ ރައީސް އިންތިޚާބުގެ ދެވަނަބުރު: %50 މީހުން ވޯޓުލައިފި
ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުމުގައި، މިހާތަނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވާ އާބާދީގެ 50 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު މެންދުރު 12:00 ޖެހުމާ ހަމައަށް 523 މީހަކު ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ ޖުމްލަ 1049 މީހުންގެ %49.86 އެވެ. ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 210 އަންހެނުންނާއި 313 ފިރިހެނުންނެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވަނީ ޖުމްލަ ތިން ފޮއްޓެއް ބަހައްޓާފައެވެ. އެގޮތުން ދ. މީދޫގައި ހުންނަ ދ. އަތޮޅު މަދުރަސާގައި ދެ ފޮށި ބަހައްޓާފައިވާއިރު، މާލޭގައި ދިރިއުޅޭ މީދޫ ރައްޔިތުންނަށް ވޯޓުލުމަށް ދަރުމަވަންތަ ސްކޫލުގައި އެއް ފޮށި ވަނީ ބަހައްޓާފައެވެ. ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާފައިވާއިރު، ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ.
މީދޫ ކައުންސިލް ރައީސްގެ މަޤާމަށް އިތުރު ބުރެއް ބާއްވަން ޖެހުނީ، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ސައްޙަ ކަރުދާހަކާ ގުޅިގެން ކޯޓުން ކުރި ޙުކުމަކާ ގުޅިގެންނެވެ. އެ ޙުކުމާއެކު ކައުންސިލް ރައީސްގެ މަޤާމަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ވޯޓު ވަނީ އެއްވަރުވެފައެވެ.
މި އިންތިޚާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓަކާއި މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓެކެވެ.






ރިއެކްޓް