ކުރަން ނުޖެހޭ މަސައްކަތް ނަރުހުން ލައްވާ ކުރުވާތީ ނާސެސް އެސޯސިއޭޝަންގެ ކަންބޮޑުވުން
ނަރުހުންގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ނުހިމެނޭ އިތުރު މަސައްކަތްތައް ނަރުހުން ލައްވާ ކުރުވަމުންދާތީ، އެކަމާ މެދު އިންތިހާއަށް ކަންބޮޑުވާކަން މޯލްޑިވްސް ނާސެސް އެސޯސިއޭޝަން (އެމްއެންއޭ) އިން ހާމަކޮށްފިއެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިއްހީ ހިދުމަތް ދިނުން ނޫން އެހެން މަސައްކަތްތައް ކުރާ މުއައްސަސާތަކުގައި ނަރުހުންގެ މަގާމުތަކަށް އިއުލާން ކުރާއިރު، ނަރުހުންގެ މަސައްކަތާ ނުގުޅޭ އިތުރު ޒިންމާތައް ހިމަނައިގެން އިއުލާން ކުރާ މިންވަރު އިތުރުވަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ހާއްސަކޮށް، ސިއްހީ ހިދުމަތްދޭ މަރުކަޒެއް ނުވަތަ ސިއްހީ މުވައްޒަފަކު ހުރުން ލާޒިމުވާ ތަންތަނުގައި، އެ ޝަރުތު ފުރިހަމަކުރުމަށް ނަރުހުން ވަޒީފާއަށް ނެގުމަށްފަހު، އެހެން ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ނަރުހުންލައްވާ ކުރުވަމުންދާ ކަމަށް އެމްއެންއޭ އިން ބުނެފައިވެއެވެ. މިފަދަ އަމަލުތަކަކީ ނަރުހުންގެ ފަންނީ މަސައްކަތުގެ އަގު ވަޒަންނުކުރުން ކަމަށާއި، މީގެ ސަބަބުން އެކަށީގެންވާ އުޖޫރައަކާ ނުލައި ނަރުހުންނަށް ބުރަ ބޮޑުވެގެންދާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ނާސިންގް އަކީ ވަކި ހާއްސަ އިލްމަކާއި ހުނަރެއްގެ މައްޗަށް ބިނާވެފައިވާ، ހަރުދަނާ އުސޫލުތަކަކާއި ޒިންމާތަކެއް އޮންނަ ފަންނީ ދާއިރާއެއްކަން ފާހަގަކުރަމުން އެމްއެންއޭ އިން ބުނީ، ނަރުހެއްގެ ދައުރަކީ ކްލިނިކަލް ނޫން މަގާމުތަކާ ބަދަލުކުރެވޭނެ ދައުރެއް ނޫން ކަމަށެވެ. އަދި ނަރުހުންގެ ވަޒީފާގެ ބަޔާންތައް (ޖޮބް ޑިސްކްރިޕްޝަން) ކަނޑައަޅާފައި ވަނީ ބަލިމީހުންގެ ސަލާމަތާއި، ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.
އެހެންކަމުން، އެމްއެންއޭ އިން ވަނީ މިނިސްޓްރީ އޮފް ހެލްތާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ހިއުމަން ރިސޯސް ޑިޕާޓްމަންޓްތަކުން ނަރުހުންގެ ވަޒީފާގެ ބަޔާންތަކާއި މަސައްކަތުގެ އުސޫލުތައް މުރާޖާކުރުމަށް ގޮވާލާފައެވެ. އަދި އެހެން ދާއިރާތަކުގެ މުވައްޒަފުން މަދުވުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރުމަށް ނަރުހުން ބޭނުން ނުކުރުމަށާއި، އިތުރު މަސައްކަތެއް ކުރަންޖެހޭ ހާލަތެއްގައި އެކަން ސާފުކޮށް އެނގެން އޮތުމާއެކު އެކަށީގެންވާ އުޖޫރައެއް ދިނުމަށްވެސް ވަނީ އެދިފައެވެ.
މީގެ އިތުރުން، ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ ނަރުހުންނަށްވެސް އެ މީހެއްގެ ތައުލީމީ ފެންވަރާއި، ތަޖުރިބާއާއި، އުފުލާ ޒިންމާއަށް ބަލައި ހަމަހަމަ އުޖޫރައެއް ކަނޑައެޅުމަށްޓަކައި ނޭޝަނަލް މިނިމަމް ސެލަރީ ސްކޭލްއެއް އެކުލަވާލުމަށްވެސް އެ ޖަމިއްޔާއިން ވަނީ ވަކާލާތުކޮށްފައެވެ.
މޯލްޑިވްސް ނާސެސް އެސޯސިއޭޝަނުން ބަޔާން ނިންމާލަމުން ބުނެފައިވަނީ، "ނަރުހުންގެ ފަންނަށް އިހުތިރާމްކޮށް، އެ ފަންނުގެ މިންގަނޑުތައް ހިފެހެއްޓުމަކީ މުޅި މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް" ކަމަށެވެ.






ރިއެކްޓް