ރާއްޖެ އެތެރެކުރި ހާހަކަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ގެނައި ގިނަ އަދަދެއްގެ ވޭޕް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގެންފައިވަނީ މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ކަސްޓަމްސް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ މި ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ. މިއީ ރާއްޖެއަށް ގެނައި ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ކަސްޓަމްސްއަށް ޝައްކު ކުރެވިގެން ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ކަމަށް އެ އިދާރާއިން ބުނެއެވެ.
މި ޝިޕްމަންޓް ބަލައި ފާސްކުރިއިރު، ވޭޕްތައް ފޮރުވާފައި ހުރީ ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރޭގައެވެ. މިގޮތުން ހިންގި ބަލައި ފާސްކުރުމުގެ ތެރެއިން ޖުމްލަ 1،108 ވޭޕް ކާޓްރިޖް އަދި 27 ވޭޕް ޑިވައިސްފެނިފައިވާ ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސް އިން ބުނެފައިވަނީ، "މިގޮތުން ޖުމްލަ 1،108 ވޭޕް ކާޓްރިޖް އަދި 27 ޑިވައިސް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެވިފައި. މި މައްސަލަ މިހާރު ދަނީ އިތުރަށް ތަޙުޤީޤުކުރެވެމުން،" ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ މި ތަކެތި އެތެރެކުރީ ކޮން ފަރާތަކުން ކަމެއް ކަސްޓަމްސް އިން އަދި ހާމަކޮށްފައެއް ނުވެއެވެ. ކަސްޓަމްސް އިން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.






ރިއެކްޓް