އަލިފާނުގެ ހާދިސާތައް ތަހުގީގުކުރުމުގެ ކޯހެއް ކުރިއަށް ގެންގޮސްފި
ތައިލެންޑުގެ އިންވެސްޓިގޭޓިވް ފޮރެންސިކް އިންޓަގްރޭޝަން ކޮމްޕެނީއާއި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު (އެން.ސީ.ޕީ.އެލް.އީ) ގުޅިގެން ފުލުހުންނަށް އަމާޒުކޮށްގެން ފަޔަރ އިންވެސްޓިގޭޝަން ކޯހެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހިނގާ ޖޫން މަހުގެ 3 އިން 15 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ އަލިފާނުގެ ހާދިސާތައް ތަހުގީގު ކުރުމުގެ ދާއިރާއިން ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ހިންގުނު މުހިންމު ކޯހެކެވެ.
މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ދ. ވާނީ ކެމްޕަހުގައެވެ.
މި ކޯހުގެ ތެރެއިން އަލިފާނުގެ ހާދިސާތައް ހިނގާ ސަރަހައްދުތައް ބަލައި ފާސްކުރުމާއި، އަލިފާން ފެތުރިފައިވާ ގޮތް ދެނެގަތުމުގެ އުކުޅުތައް ބައިވެރިންނަށް ކިޔަވައިދީފައިވެއެވެ. މީގެ އިތުރުން، އަލިފާން ރޯވި ސަބަބާއި އޭގެ އަސްލު ދެނެގަންނާނެ ގޮތްތަކާއި، އެފަދަ ހާދިސާތަކުން ލިބޭ ހެކިތައް ރައްކާތެރިކަމާއެކު ނަގައި ތަފުސީލީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ އިލްމާއި އަމަލީ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.
މި ތަމްރީނު ކޯހުގައި ޖުމްލަ 20 ފުލުހުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ސްޕެޝަލިސްޓް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި ފޮރެންސިކް ސާވިސަސްގައި މަސައްކަތްކުރާ ފުލުހުން ހިމެނެއެވެ. ކޯހުގެ ހުރިހާ ބައިވެރިންވެސް ވަނީ ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށްފައެވެ.
މިފަދަ ތަމްރީނުތަކުގެ ސަބަބުން ރާއްޖޭގައި ހިނގާ އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގެ ތަހުގީގު ކުރުމުގައި ފުލުހުންގެ ރޯލު ކުރިއަށްވުރެ ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.






ރިއެކްޓް