ޚަބަރު

މުއްތަލިބު ކައުންސިލަރުންނާއި ބައްދަލެއް ނުކުރި، އެދުނީ ލިޔެކިޔުމުން މުއާމަލާތްކުރަން

17 ޖޫން 2026 - 13:13
މުއްތަލިބު ކައުންސިލަރުންނާއި ބައްދަލެއް ނުކުރި، އެދުނީ ލިޔެކިޔުމުން މުއާމަލާތްކުރަން
މާލެ ސިޓީ ކައުންސިލުގެ މެންބަރުން، ހައުސިންގ މިނިސްޓްރީގައި، ފޮޓޯ: ފުރުޝާން

މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުންނާ ބައްދަލު ނުކުރައްވާނެކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެދުނީ ލިޔެކިޔުމުން ދެފަރާތުގެ ދެމެދުގައި މުއާމަލާތުކުރުމަށެވެ.

މިގޮތަށް މިނިސްޓަރު އެދި ވަޑައިގަތީ ސިޓީ ކައުންސިލަށް ފޮނުވި ސިޓީ އެއްގައެވެ.

ހައުސިން މިނިސްޓަރު މާލެ ސިޓީގެ މޭޔަރަށް އެޑްރެސްކުރައްވާ ފޮނުއްވި ސިޓީގައި ވިދާޅުވީ، މޭޔަރާއެކު މިނިސްޓްރީން ކޮށްފައިވާ މުއާމަލާތްތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް އެކި ޕްލެޓްފޯމްތަކުގައި ދައްކަވާފައިވާ ކަމަށެވެ. އަދި ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅިގެން މޭޔަރާ މަޝްވަރާ ކުރެވުނު ކަންކަމަށް އެއްބާރުލުން ނުލިބޭތީ، ކައުންސިލާ ބައްދަލުކުރެއްވުމުގެ ބަދަލުގައި ބޭނުންވަނީ ލިޔެކިޔުމުން މުއާމަލާތްކުރަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ، މާލޭގެ ތަރައްގީ އާއި ލުއިފަސޭހަކަން ގެނެސްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކަށް މޭޔަރުގެ ފަރާތުން އެއްބާރުލުން ލިބެމުންނުދާތީ، އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ "މީޑިއާ ސްޓަންޓް ޖެއްސުމުގެ ބަދަލުގައި ލިޔެކިޔުމުން މުއާމަލާތްކުރުން" ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުސިލުގެ ރަސްމީ ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިހާތަނަށް މިނިސްޓަރު މުއްތަލިބު ވަގުތު ނުދެއްވާތީ އަނގަބަހުން ވެސް އަދި ބައްދަލުކުރައްވައިގެން ވެސް އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާނެ ކަމަށެވެ. "މިހާތަނަށް އެއްވެސް ބައްދަލުވުމެއްގައި އަޅުގަނޑު މިނިސްޓަރާއެކު ބައިވެރިވެފައެއް ނުވާނެ. އެއީ އަޅުގަނޑަށް ވަގުތު ނުދެއްވާތީވެ،" އާޒިމް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ފޮނުވާ ސިޓީތަކަށް ހައުސިން މިނިސްޓްރީން ޖަވާބު ނުދޭތީ، މޭޔަރާއި 17 ކައުންސިލް މެންބަރުން މިދިޔަ ބުދަ ދުވަހު ވަނީ އެ މިނިސްޓްރީއަށް ވަޑައިގެންފައެވެ. މައިގަނޑު ގޮތެއްގައި މި މައްސަލަ ކުރިމަތިވީ މަސްމާރުކޭޓު ތަރައްޤީކުރުމުގެ މަޝްރޫޢުގައި ދެ ފަރާތުގެ މެދުގައި މަޝްވަރާނުކުރެވި، އެއްބާރުލުން ނުލިބޭތީ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ މީހުންނާ ބައްދަލުކުރައްވަން މިނިސްޓަރު ދެކޮޅު ހެއްދެވުން ބަލައި ނުގަނެވޭނެ ކަމަށެވެ. މިނިސްޓްރީއަށް ދިއުމުން މި ހަފްތާ ތެރޭގައި ބައްދަލުވުމެއް ތާވަލުކޮށްދޭނެ ކަމަށް ބުނި ނަމަވެސް، މިނިސްޓަރު މިހާރު ވަނީ ބައްދަލުކުރެއްވުމަށް އިންކާރު ކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0