އައިއެމްއެފްގެ ރިޕޯޓުން ބުނެދޭ ހަގީގަތް: ރާއްޖޭގެ އިގްތިސާދު ބޮޑު އަނދަވަޅަކާއި ދިމާލަށް
އައިއެމްއެފްގެ ވަފުދަކުން 2026 ވަނަ އަހަރުގެ އާޓިކަލް 4 މިޝަންގެ ދަށުން ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު ނެރުނު ވަގުތީ ރިޕޯޓްގައި، ރާއްޖޭގެ އިގްތިސާދު ނުރައްކާތެރި ހާލަތަކަށް ހުށަހެޅިފައިވާ ކަމުގެ ހަރުކަށި އިންޒާރު ދީފިއެވެ.
ސަރުކާރުގެ ސިޔާސަތުތައް ފޭލްވުމާއި މާލީ މެނޭޖްމަންޓުގެ ދޯދިޔާކަމުގެ ސަބަބުން، ބޭރުގެ ލޮޅުންތަކާއެކު އިގްތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓުމުގެ ބިރު އޮތްކަން އައިއެމްއެފްގެ ބަޔާނުން ވަނީ ހާމަވެފައެވެ. ކަމާބެހޭ ފަރާތްތަކުން އިގްތިސާދު ހަރުދަނާ ކަމަށް ބުނަމުންދިޔަ ނަމަވެސް، ހަގީގަތަކީ ބޮޑުވެފައިވާ ދަރަންޏާއި ކޮންޓްރޯލެއް ނެތް ހަރަދުތަކުގެ ސަބަބުން މުޅި ނިޒާމު ބަލިކަށިވެފައިވާ ކަމެވެ.
އައިއެމްއެފް އިން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރު ރާއްޖޭގެ ހަގީގީ ޖީޑީޕީ ކުރިއަރާ މިންވަރު 1 އިންސައްތައަށް ދަށްވާނެއެވެ. މިއީ ފަތުރުވެރިކަމުގެ ސަބަބުން ފަހަކަށް އައިސް އައި ބާރުމިނުގެ ކުރިއެރުމާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު މަދުވުމާއި ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލުމުގެ ނޭދެވޭ އަސަރު ކުރަމުންދާއިރު، މީގެ އަސްލު މައްސަލަ ގުޅިފައިވަނީ ގައުމުގެ އެތެރޭގެ ސިޔާސަތުތަކުގެ ނުކުޅެދުންތެރިކަމާއެވެ. ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުމުގެ ސަބަބުން، ދުނިޔެއަށް އަންނަ ކޮންމެ ކުޑަ ލޮޅުމަކަށް ރާއްޖެ ވަނީ ހުށަހެޅިފައެވެ.
ދައުލަތުގެ ދަރަނިތައް، ވަކިން ޚާއްސަކޮށް ސުކޫކް އަށް ދައްކަން ޖެހުނު ފައިސާ ވަގުތު ހަމަވުމުގެ ކުރިން ދައްކާފައިވީ ނަމަވެސް، އަދިވެސް ދައުލަތުގެ މާލީހާލަތާއި ގައުމުގެ ބޭންކުތަކާއި އޮންނަ ގުޅުން ނުވަތަ ސޮވަރިން-ބޭންކް ނެކްސަސް ވަރަށް ބޮޑަށްވެސް ދަށްވެފައިވާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މީގެ ސަބަބުން، އަދި އެހެނިހެން އިގްތިސާދީ ސިޔާސަތުގެ ސަބަބުން، ރާއްޖެ އިތުރަށް މެކްރޯ-ފައިނޭންޝިއަލް (ތަކެތީގެ އަގުބޮޑުވުމާއި، ފިޒްކަލް ޕޮލިސީ އާއި ވިޔަފާރި ކުރިއަރާފާނެ ކަމުގެ ޔަގީންކަން ނެތުން) އިގްތިސާދީ ރިސްކަށް ހުޅަހެޅުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކޮށްފައިވެއެވެ. މިއާއެކު، އުފެއްދުންތެރި އިންވެސްޓްމެންޓްތައް ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތުވެސް އިންތިހާއަށް ބޮޑެވެ.
އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އައިއެމްއެފް އިން ވަނީ ބައެއް މުހިންމު ކަންކަން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި، ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް އިތުބާރު ހުރި ފިޔަވަޅުތަކެއް އެޅުމާއި، ސަބްސިޑީ ދޭ އުސޫލުތައް މުރާޖައާކުރުން، އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ބެލެހެއްޓުން ހަރުދަނާކުރުން ހިމެނެއެވެ. މީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މަނިޓަރީ ސިޔާސަތު ހަރުކަށިކޮށް، ސުޕަވިޜަން ފްރޭމްވޯކްތައް އަޕްގްރޭޑް ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ.
އަވަސް އަދި އިތުބާރު ހުރި އިސްލާހީ ފިޔަވަޅުތަކެއް ނާޅައިފިނަމަ، މަތިވަމުންދާ ދަރަނީގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި އިގްތިސާދީ ކުރިއެރުން ހުއްޓި، މި ނާޒުކު ހާލަތު ބޮޑު އިގްތިސާދީ ކާރިސާއަކަށް ބަދަލުވުމުގެ ބިރު އެބައޮތެވެ. އައިއެމްއެފްގެ މިޝަނުން ދޭ މެސެޖަކީ ރާއްޖޭގެ އިގްތިސާދީ ގޮންޖެހުންތަކަކީ އަހަރުތަކެއް ވަންދެން މާލީ ކަންކަމުގައި އިހުމާލުވުމުގެ ނަތީޖާ ކަމެވެ. މިކަމާ މިހާރު ކުރިމަތިލައި، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
ރިއެކްޓް
ރަނގަޅު
0
ސަކަރާތް
2
ލޯބި
0
މަޖާ
0





