ޚަބަރު

ކަން ހިނގާ ގޮތް މުއިއްޒަށް އެނގިވަޑައިނުގަންނަވާ، އަމިއްލަފުޅަށް ވެއްޓިދާނެ: ރައީސް ނަޝީދު

18 ޖޫން 2026 - 10:13
ކަން ހިނގާ ގޮތް މުއިއްޒަށް އެނގިވަޑައިނުގަންނަވާ، އަމިއްލަފުޅަށް ވެއްޓިދާނެ: ރައީސް ނަޝީދު
ރައީސް ނަޝީދު، ފޮޓޯ: ސަންގު

ސަރުކާރު ހިންގުމުގައި ކަންކަން ހިނގާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށާއި، ސިޔާސީ މަސްރަހު އޮތް ގޮތުން އެމަނިކުފާނުގެ ވެރިކަން އަމިއްލަފުޅަށް ވެއްޓިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅޭތީ ރައީސް މުއިއްޒު ކަންބޮޑުވެވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ވާދަވެރިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން ނޫޅޭ ކަމަށާއި، އެހެންނަމަވެސް ރައީސް މުއިއްޒު އަމިއްލަފުޅަށް ވެއްޓިވަޑައިގަތުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ. "އަޅުގަނޑުމެންނެއް ނޫޅެން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލާކަށް. އެހެންނަމަވެސް އެބޭފުޅާ އަމިއްލައަށް ވެއްޓި ވަޑައިގަތުމަކީ ވަރަށް ގާތްކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ގާނޫނީ ހަމަތަކުގެ މަތިން ވެރިކަން ބަދަލުވެދާނެ ގޮތްތައް ނަޝީދު ފާހަގަކުރެއްވިއެވެ. އެއީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައީސް މުއިއްޒު ވެރިކަމުން ދުރުކުރުން ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ވިސްނިވަޑައިގެން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމެވެ. މި ދެގޮތުން ކުރެ އެއްގޮތެއް ކުރިއަށް އޮތް ދުވަސްތަކުގައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ހުރިހާ ކަމެއް ނިންމަވަނީ އަމިއްލަފުޅަށް ކަމަށާއި، ވަޒީރުންގެ މަޖިލީހާއި ޕާޓީގެ ތެރޭގައި ވެސް އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

"ޕާޓީ ތެރޭ ބޭފުޅުންނަކާ ވެސް މަޝްވަރާއެއް ނުކުރައްވާ. އަދި ޕާޓީގެ ކުރީގެ ސިޔާސީ ވެރިންނަކާ ވެސް މަޝްވަރާއެއް ނުކުރައްވާ،"ނަޝީދު ވިދާޅުވިއެވެ. މަޝްވަރާ ނުކުރެއްވުމުގެ ސަބަބުން ކަންކަން ހިނގާ ގޮތާއި ދެން އަމަލުކުރަންވީ ގޮތް ރައީސަށް އެނގިވަޑައިނުގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވެރިކަން ވެއްޓިދާނެ އަނެއް ސަބަބެއްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވީ އެމަނިކުފާނުގެ ބޭވަފާތެރިކަމެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންއާ މެދު ކަންތައް ކުރެއްވި ގޮތުން ރައީސް މުއިއްޒުގެ ބޭވަފާތެރިކަން ފާހަގަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނަ ކަމެއް ނޫން ކަމަށާއި، އޭގެ ސަބަބުން ރައީސް މިހާރު ހުންނެވީ ވަރަށް ބޮޑަށް އެކަނިވެރިވެފައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0