ޚަބަރު , ސިޔާސީ

ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް އަޅާނީ ހުޅުމާލޭގައި: ހެލްތު މިނިސްޓަރު

23 ޖޫން 2026 - 14:44
ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް އަޅާނީ ހުޅުމާލޭގައި: ހެލްތު މިނިސްޓަރު

ސަރުކާރުގެ ޚަރަދުގައި އިމާރާތްކުރާ ނަފްސާނީ ބަލިތަކަށް ޚާއްސަ (މެންޓަލް ހެލްތު) ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް އެޅުމަށް ނިންމީ ގިނަ ވަސީލަތްތަކެއް މާލޭގައި ހުރުމާއި، ބަލިމީހުންނަށް ބޭނުންވާ ތަފާތު ޓެސްޓުތަކާއި ފަރުވާތައް މާލެ ސަރަހައްދަށް ޖަމާވެފައިވާތީ ކަމަށެވެ. މި ހޮސްޕިޓަލް އެޅުމަށްޓަކައި ހުޅުމާލެއިން 10,000 އަކަފޫޓުގެ ބިމެއް މިހާރު ވަނީ ކަނޑައަޅާފައެވެ.

ނަފްސާނީ ފަރުވާ ހޯދާ މީހުންގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ފާއިތުވި ތިން އަހަރުގެ ތެރޭގައި 70,000 އަށްވުރެ ގިނަ މީހުން ނަފްސާނީ ފަރުވާ ހޯދާފައިވާ ކަމަށެވެ. މީގެ ތެރެއިން 45,000 މީހުންނަކީ މާލެ ސަރަހައްދުން ފަރުވާ ހޯދާފައިވާ މީހުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މާލެ ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް އަޅަން މި ޖެހެނީ ގިނަ ރިސޯސްތައް މާލޭގައި ހުރީ، އަދި މިފަދަ ބަލިމީހުންނަށް ބޭނުންވާ ތަފާތު ޓެސްޓުތަކާއި ދޭންޖެހޭ ފަރުވާތައް ޖަމާވެފައިވަނީ މާލެ ސަރަހައްދަށް ކަމަށް ވާތީ،" މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ނަފްސާނީ ފަރުވާއަކީ ވަކި ޚާއްސަ ކަންތައްތަކެއް ހިމެނޭ ނިޒާމެއް ކަމަށްވާތީ، ވަކި ހޮސްޕިޓަލެއް ހުރުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ނަފްސާނީ ދާއިރާއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގުރައިދޫގައި ހުންނަ މަރުކަޒުގެ 60 މީހަކަށް ފަރުވާދީ އަނބުރާ މުޖުތަމައަށް ނެރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރުން ގާއިމްކޮށްފައިވާ މެންޓަލް ހެލްތު ހެލްޕްލައިނަށް މިދިޔަ އަހަރު 10,000 އަށްވުރެ ގިނަ ކޯލު ލިބި، އެހީތެރިކަން ފޯރުކޮށްދީފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0