ޚަބަރު , ވިޔަފާރި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ ޒިޔަތު މަގާމުން އިސްތިއުފާ ދީފި

21 ޖޫން 2026 - 11:40
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ ޒިޔަތު މަގާމުން އިސްތިއުފާ ދީފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޒިޔަތު އެ މަގާމުން އިސްތިއުފާ ދީފިއެވެ.

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު މެއި މަހު އިސްތިއުފާ ދެއްވިކަން އެ ކުންފުނީގެ އޮފިޝަލަކު ވަނީ ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'ވިރާސީ'އަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އޭނާ މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް ނޭނގޭ ކަމަށް އެ އޮފިޝަލު ވިދާޅުވިއެވެ.

 އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޒިޔަތު އައްޔަނުކުރެއްވީ މިދިޔަ މާޗު މަހުގެ ތެރޭގައި އެވެ. 

ޒިޔަތު އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަންކުރެއްވިއިރު، އެ ކުންފުނީގެ ބޯޑު މެންބަރުކަންވެސް އޭނާއަށް ދެއްވާފައިވެއެވެ. އެހެންނަމަވެސް، މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު އޭނާ ވަނީ އެމްޕީއެލްގެ ބޯޑުން ވަކިކޮށްފައެވެ.

ޒިޔަތުގެ ބަދަލުގައި އެ ކުންފުނީގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަން ދީފައިވަނީ އެމްއޭސީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އެންމެ ފަހުން އައްޔަންކުރި މުހައްމަދު ލަމްއާނަށެވެ.

އިބްރާހިމް ޒިޔަތަކީ މީގެ ކުރިންވެސް ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމު އޭނާ އަދާކުރެއްވިއެވެ. މީގެ އިތުރުން، ޒިޔަތު ވަނީ އެސްޓީއޯގައި 15 އަހަރު ދުވަހު ހިދުމަތް ކުރައްވާފައެވެ. އޭނާއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0