ޚަބަރު

އެޗްޑީސީއަށް އޮޅިގެން ދެވުނު ބޯނަސް ހަ މަސް ފަހުން އަތުލަނީ

HDC ah Olhigen Dhevunu Bonus 6 Mas Fahun Athulanee

21 ޖޫން 2026 - 12:09
އެޗްޑީސީއަށް އޮޅިގެން ދެވުނު ބޯނަސް ހަ މަސް ފަހުން އަތުލަނީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ 200 އެއްހާ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި އޮޅިގެން އިތުރަށް ދެވުނު ފައިސާ، ހަ މަސް ދުވަސް ފަހުން އަނބުރާ އަތުލުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ. 

އެޗްޑީސީން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޯނަހުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 18,600 ރުފިޔާ ދީފައިވީ ނަމަވެސް، ބައެއް މުވައްޒަފުންނަކީ އެ އަދަދަށް ބޯނަސް ހައްގުވާ ބައެއް ނޫނެވެ. މެނުއަލްކޮށް މައުލޫމާތު އެންޓްރީ ކުރުމުގެ ތެރޭގައި ހެދުނު ގޯހަކުން، 9,000 ރުފިޔާ ލިބެންޖެހޭ ބައެއް މުވައްޒަފުންނަށް ވެސް 18,600 ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިގޮތަށް އިތުރަށް ދެވުނު ފައިސާގެ ޖުމްލަ އަދަދު މިލިއަނަކަށް ވުރެ ގިނަވާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓުން މުވައްޒަފުންނަށް ފޮނުވި ލިޔުމުގައި، އިތުރަށް ދެވުނު ފައިސާ އަނބުރާ ހޯދުމަށް ދެ ގޮތެއް ވަނީ ހުށަހަޅާފައެވެ. އެއީ ޖޫން 26 ގެ ކުރިން އެއްކޮށް ފައިސާ ދެއްކުން ނުވަތަ މުސާރައިން އުނިކުރުމެވެ. މުސާރައިން އުނިކުރާ ނަމަ، އެއް މަހާއި ހަ މަސް ދުވަހުގެ މުއްދަތަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި ބައެއް މުވައްޒަފުންނަށް އަހަރު ދުވަހުގެ މުއްދަތު ނުވަތަ ދެން އަންނަ ބޯނަސްއަކުން އުނިކުރާ ގޮތަށް ވެސް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން އެ ކުންފުނީގެ ބައެއް މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެޗްޑީސީއަކީ އާންމުކޮށް ބޮޑު ފައިދާވާ ކުންފުންޏަކަށް ވީ ނަމަވެސް، ޕީސީބީގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އެ ކުންފުންޏަށް ވަނީ 109 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. ކުންފުނީގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ބޯނަސް ދޫކުރުމުގައި މައްސަލައެއް އުޅޭކަން ފާހަގަވީ މެނުއަލްކޮށް ކުރި މަސައްކަތްތައް އަލުން ބެލުމުގެ ތެރެއިންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0