ޚަބަރު

ކަނޑުމަގުން އެތެރެކުރަން އުޅުނު 6300 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި

21 ޖޫން 2026 - 20:00
ކަނޑުމަގުން އެތެރެކުރަން އުޅުނު 6300 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި

ކަނޑުމަގުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 6,300 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި، ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ" ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކުރިއިރު، އޭގެ ތެރޭގައި ފޮރުވާފައި ހުރި 6,328 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން އިތުރަށް މައުލޫމާތު ދިން ގޮތުގައި، މި ތަކެތި މިހާރު ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މިއީ މި މަހުގެ ތެރޭގައި ކަނޑުމަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ފުރަތަމަ ޝިޕްމަންޓެއް ނޫނެވެ. ޖޫން 18 ވަނަ ދުވަހުވެސް އާންމު މުދަލުގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 15,601 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ. މި ހިނގާ ޖޫން މަހުގެ މިހާތަނަށް ހިންގި އެކި އޮޕަރޭޝަންތަކުގައި ޖުމްލަ 28,600 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް ވަނީ އަތުލައިގަނެފައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް 2024 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން، 15 ނޮވެމްބަރު 2024 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. އަދި އަންނަ ޑިސެމްބަރު މަހުން ފެށިގެން ރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުންކުރުން ވެސް މަނާވާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0