ޚަބަރު

ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

24 ޖޫން 2026 - 13:27
ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މިއަދު ހުޅުވާލައިފިއެވެ.
މި ބިލަކީ މިހާރު މަޖިލީހުގެ އިދާރާގައި ދިރާސާކުރަމުންދާ މުހިންމު ބިލެކެވެ.

ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ބިލު ދިރާސާކުރަމުންދާ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ކޮމިޓީން އާންމުންގެ ހިޔާލަށް މިއަދު ހުޅުވާލާފައިވާ ކަމަށެވެ. މި ބިލާ ގުޅޭގޮތުން އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް ހުށަހަޅަން ބޭނުންވާ ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ލިޔުމުން އެ މައުލޫމާތު ހުށަހެޅުމަށް މަޖިލީހުން ވަނީ އެދިފައެވެ.

މި ބިލަށް ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި މަހުގެ 8 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00އެވެ. ހިޔާލުތައް ހުށަހަޅަންޖެހޭނީ މަޖިލީހުގެ ކޮމިޓީއަށް ނުވަތަ މަޖިލީހުގެ އިދާރާއަށެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ޒާތީ މައުލޫމާތު އެއްކުރުމާއި، ބޭނުންކުރުމާއި އަދި އެފަދަ މައުލޫމާތު ޕްރޮސެސްކުރުމާ ގުޅޭ ފުރިހަމަ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ. މީގެ އިތުރުން، ޒާތީ މައުލޫމާތު އެއްކުރެވޭ ފަރާތްތަކުގެ ހައްގުތައް ކަނޑައަޅައި، އެފަދަ މައުލޫމާތު ގެންގުޅޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ޒިންމާތަކާއި އުސޫލުތައް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގެ ދަށުން ޒާތީ މައުލޫމާތު ހިއްސާކުރުމާއި ބަދަލުކުރުމުގެ އުސޫލުތައް ކަނޑައެޅިގެންދާނެއެވެ. އަދި މައުލޫމާތުގެ ވެރިފަރާތަށް ލިބިދޭ ގާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީވެސް މި ބިލުގެ މުހިންމު ބައެކެވެ.

މީގެ އިތުރުން، ޒާތީ މައުލޫމާތު އެއްކޮށް ރައްކާކުރާ އިދާރާތަކާއި ކުންފުނިތައް ރެގިއުލޭޓްކުރާނެ ނިޒާމެއް މި ބިލުން ތައާރަފުކުރާނެއެވެ. މީގެ ބޭނުމަކީ ކޮންމެ މީހެއްގެވެސް އަމިއްލަ މިނިވަންކަމާއި މައުލޫމާތުގެ ސިއްރު ހިފެހެއްޓުން ހަރުދަނާކޮށް، ޒާތީ މައުލޫމާތު ގެންގުޅުމުގައި ޒިންމާދާރުކަން އިތުރުކުރުމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0