ޚަބަރު , ސިޔާސީ

ސަރުކާރުން އުނބަށްޖެހުން: ފާޑުކިޔުން ބޮޑުވެ ސިގިރޭޓުގެ އަގުހެޔޮކުރަނީ

21 ޖޫން 2026 - 21:40
ސަރުކާރުން އުނބަށްޖެހުން: ފާޑުކިޔުން ބޮޑުވެ ސިގިރޭޓުގެ އަގުހެޔޮކުރަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ އުނބަށް ޖެހުމުގެ އާންމު އުސޫލުގެ ދަށުން އާންމުންގެ ފާޑުކިޔުން ބޮޑުވެ، ސިނގިރޭޓުގެ އަގު ހެޔޮކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހީމެވެ.

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. މި އިސްލާހުގެ ދަށުން، ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން (ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް) ނަގާ ޑިއުޓީ 4 ރުފިޔާ އަށް ބަދަލުކޮށް، އޭގެ އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތަ އަށް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ.

މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބާރުއެޅުމާއި، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށްޓަކައި އިގްތިސޯދީ ގޮތުން މަގުފަހިކޮށްދިނުން ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށްޓަކައި ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކުރުމަށް ވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ.

މި ބަދަލާ ގުޅޭގޮތުން މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ، "ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން އަށް ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް" ކަމަށާއި، އޭގެ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުންދާ ކަމަށެވެ.

ނަމަވެސް، މި މައްސަލައިގައި ރައީސް މުއިއްޒު ފަހުން ވިދާޅުވެފައިވަނީ ދުންފަތުން ނަގާ ޑިއުޓީގެ ކަންކަމުގައި ސަރުކާރުން "ޔޫ ޓާނެއް" ނުނަގާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ގެންނާނީ ކޮންމެހެން ގެންނަން ޖެހޭ މުހިންމު ބަދަލުތަކެއް އެކަންޏެވެ. މި އިސްލާހާއެކު ސަރުކާރުގެ ސިޔާސަތަށް ބަދަލު އައިސްފައިވާކަން މިހާރު މިވަނީ ހާމަވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0