ޚަބަރު

ކަނޑުމަގުން އެތެރެކުރި 15 ހާހަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި

19 ޖޫން 2026 - 20:45
ކަނޑުމަގުން އެތެރެކުރި 15 ހާހަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ގެނައި 15,601 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގަތީ ކަސްޓަމްސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި ތަކެތި ފެނިފައިވަނީ "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކުރުމުގެ ތެރެއިންނެވެ. މި ޝިޕްމަންޓަކީ ކިޔާ އަމިއްލަ ފަރާތެއްގެ ނަމުގައި ރާއްޖެ ގެނެސްފައިވާ މުދާތަކެކެވެ. މި އޮޕަރޭޝަންގައި އަތުލައިގަނެވުނު ޖުމްލަ 15,601 ވޭޕް ކާޓްރިޖް މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

މިއީ ރާއްޖެއަށް ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ތާރީޚް ކަމަށްވާ 15 ނޮވެންބަރު 2024 ގެ ފަހުން، އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު އެންމެ ބޮޑު ވޭޕް ޝިޕްމަންޓެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި ޖުމްލަ 22,309 ވޭޕް ކާޓްރިޖް ވަނީ އަތުލައިގަނެވިފައެވެ.

ކަސްޓަމްސްއިން އިތުރަށް ބުނެފައިވަނީ މި މައްސަލަ މިހާރު އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމާ ގުޅިގެން، ޤާނޫނާ ޚިލާފަށް މިފަދަ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0