ޚަބަރު

ވިހެއުމާއެކު ދަރި މަރާލި ބައްޕަ 5 އަހަރަށް، މާމަ 3 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

22 ޖޫން 2026 - 12:15
ވިހެއުމާއެކު ދަރި މަރާލި ބައްޕަ 5 އަހަރަށް، މާމަ 3 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ދަރިފުޅު ވިހެއުމާއެކު މަރާލިކަން ސާބިތުވެ، އެ ކުއްޖާގެ ބައްޕަގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އަދި މާމަގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ. 

މި މައްސަލާގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެއީ ކުއްޖާގެ މާމަ، އދ. މާމިގިލީ ގްރީންލައިޓް، އާއިޝަތު ޝާއިރާ އާއި، އޭނާގެ ލޯބިވެރިޔާ ތ. މަޑިފުށީ ސޯސަންވިލާ، މުހައްމަދު އިމްތިޔާޒްގެ އިތުރުން ކުއްޖާގެ ބައްޕަ ހއ. ފިއްލަދޫ ޝެޑޯ، މޫސާ އަހްސަމް އެވެ.

މި ހާދިސާގައި މަރާލާފައިވަނީ އަހްސަމަށް ކައިވެނީގެ ބޭރުން ލިބުނު ދަރިއެކެވެ. މި މައްސަލައިގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ނިންމައި ކަނޑައެޅި އަދަބުތަކަށް ބަލާއިރު، އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވި މޫސާ އަހްސަމްގެ މައްޗަށް ވަނީ 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް އޭނާ ބަންދުގައި ހުރި ދުވަސްތައް އުނިކުރުމުން ތަންފީޒު ކުރަން ޖެހެނީ 3 އަހަރާއި 7 މަސްދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސްދުވަހު ރޯދަ ހިފުމަށްވެސް އޭނާއަށް ވަނީ ހުކުމްކޮށްފައެވެ.

ކުއްޖާގެ މާމަ ޝާއިރާގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެފައިވެއެވެ. އެއީ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ ރިޕޯޓް ނުކުރުމުގެ ކުށުގައި 6 މަސްދުވަހުގެ ޖަލު ހުކުމަކާއި، އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގައި 2 އަހަރާއި 6 މަސްދުވަހުގެ ޖަލު ހުކުމެކެވެ. ޖުމްލަ 3 އަހަރުގެ ޖަލު ހުކުމެއް އޭނާ ތަންފީޒު ކުރަން ޖެހޭނެއެވެ.

ޝާއިރާގެ ލޯބިވެރިޔާ މުހައްމަދު އިމްތިޔާޒްގެ މައްޗަށްވެސް އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގައި 2 އަހަރާއި 6 މަސްދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ޝާއިރާ އާއި އިމްތިޔާޒްވެސް ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސްދުވަހު ރޯދަ ހިފުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 4
ލޯބި ލޯބި 0
މަޖާ މަޖާ 0