ފުރުގާން މިސްކިތަށް ގެއްލުންދީ ބިއްލޫރި ތަޅާލި މައްސަލަ ބަލަނީ
މާލޭގައި ހުންނަ މަސްޖިދުލް ފުރުޤާން މިސްކިތުގެ ކުޑަ ދޮރަކަށް ގެއްލުންދީ، އެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ފުރުޤާން މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 4:10 އެހައިކަންހާއިރު ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި ކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަނީ، މި ފިނޑި ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ. މޭޔަރ ވިދާޅުވީ، "އިސްލާމްދީނުގައި ނުހަނު ބޮޑަށް ޙުރުމަތްތެރިކޮށް ހިތުމަށް އަންގަވައިފައިވާ މިސްކިތްތަކަށް މި ފަދަ ގެއްލުންތައްދޭ ފަރާތްތައް ހޯދައި، އެ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ގޮވައިލަން" ކަމަށެވެ.
މޭޔަރ ޢާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މާލެ ސިޓީގެ މިސްކިތްތަކަކީ އެންމެހައި ރައްޔިތުންގެ އިޙުތިރާމާއި ރައްކާތެރިކަން ލިބެންޖެހޭ މުގައްދަސް ތަންތަނެވެ. އަދި މި ފަދަ ކަންކަމަކީ މުޖުތަމަޢުގެ ތެރޭގައި އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.






ރިއެކްޓް