މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން 325 މައްސަލަ، 59 މީހަކު ހައްޔަރަށް
މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން 325 މައްސަލައެއް ރިޕޯޓްކޮށް، ޖުމްލަ 59 މީހަކު މޯލްޑިވްސް ޕޮލިސް ސާވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
2026 މެއި 10 އިން 16 އަށް ފުލުހުން ކުރި މަސައްކަތްތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މުއްދަތުގައި މާލެ ސަރަހައްދުގެ 15,798 ތަނެއް ވަނީ ބަލާފައެވެ.
މާލޭގެ ފްރަންޓްލައިން ޕޮލިސިންއިން 6,519 ތަނެއް ބަލައި ފާސްކޮށް، 172 ހާދިސާއަށް އެޓެންޑުވެ، 22 މީހަކު ހައްޔަރުކުރިއެވެ. ހުޅުމާލޭގައި 6,486 ލޮކޭޝަން ޗެކް ހިންގައި، 128 ހާދިސާއަށް އެޓެންޑުވެ 18 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ތިލަފުށީގައި 2,249 ތަނެއް ބަލައި ފާސްކޮށް 9 ހާދިސާއަށް އެޓެންޑުވެފައިވާއިރު، އެ ސަރަހައްދުން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުން 544 ލޮކޭޝަން ޗެކް ހިންގައި، 16 ހާދިސާއެއް ތަހުގީގުކޮށް 19 މީހަކު ހައްޔަރުކޮށްފައިވެއެވެ. މީގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޓްރެފިކް ޕޮލިސްއިން ވަނީ 45 ހާދިސާއަކަށް އިޖާބަދީފައެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ރިޕޯޓްކޮށްފައިވާ ކުށްތަކަށް ބަލާއިރު، އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން 1,637 ވައްކަމުގެ މައްސަލަ (28.8%) ރިޕޯޓްކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައީ މަގުމަތީގެ އެކްސިޑެންޓްތަކެވެ. އެއީ 1,473 މައްސަލަ (25.9%) އެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގެ ގޮތުގައި 981 މައްސަލަ (17.3%) ވަނީ ރިޕޯޓްކޮށްފައެވެ.
މީގެ އިތުރުން، ތަކެތި ގެއްލިގެން 479 މައްސަލަ، މާރާމާރީގެ 306 މައްސަލަ، މުދަލަށް ގެއްލުން ދިނުމުގެ 297 މައްސަލަ، އަދި ގެވެށި އަނިޔާގެ 165 މައްސަލަ ވަނީ ހުށަހަޅާފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، ރާއްޖޭގައި ރިޕޯޓްކުރާ ކުށްތަކުގެ 70 އިންސައްތައަށްވުރެ ގިނައީ ވައްކަމާއި، އެކްސިޑެންޓް އަދި މަސްތުވާތަކެތީގެ މައްސަލަތަކެވެ.






ރިއެކްޓް