ޚަބަރު

ވަތަނީ ހިދުމަތުގެ ދެވަނަ ބެޗްގެ ފަންނީ ތަމްރީނު ފަށައިފި

19 ޖޫން 2026 - 19:56
ވަތަނީ ހިދުމަތުގެ ދެވަނަ ބެޗްގެ ފަންނީ ތަމްރީނު ފަށައިފި

މި ސަރުކާރުން ފެށި 'ވަތަނީ ހިދުމަތް' ނުވަތަ ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ދެވަނަ ބެޗްގެ ފަންނީ ތަމްރީން ކޯސްތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ބ. ކިހާދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކޯސްތައް ފައްޓަވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

ކިޔަވައި ނިމުމަށްފަހު ވަޒީފާގެ މާހައުލަށް ނުކުތުމަށް ނުވަތަ އިތުރަށް ތައުލީމު ހާސިލުކުރުމަށް ދަތިވާ ޒުވާނުންނަށް އަމާޒުކޮށްގެން ފެށި މި ޕްރޮގްރާމަކީ، ޒުވާނުންނަކީ ގައުމަށް ބޭނުންތެރި، މަސައްކަތްތެރި ބަޔަކަށް ހެދުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިފްތިތާހުކުރި މި ޕްރޮގްރާމްގެ ދެ ބެޗެއް މިހާތަނަށް ވަނީ ނިންމާފައެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދޭ ގޮތުގައި، ދެވަނަ ބެޗްގައި ބައިވެރިވެ ޕްރޮގްރާމް ނިންމި 343 ކުދިންގެ ތެރެއިން ފަންނީ ތަމްރީނުތައް ކުރިއަށް ގެންދަން ބޭނުންވީ 77 ދަރިވަރުންނެވެ. އޭގެ ތެރެއިން ޖުމްލަ 75 ދަރިވަރުންނާއެކު މިއަދު ވަނީ ފަންނީ ތަމްރީންގެ ދެ ކޯހެއް ފަށާފައެވެ. މީގެ ތެރޭގައި ހިމެނެނީ 62 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިންނެވެ.

16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ 17 އަތޮޅަކުން ދަރިވަރުން ބައިވެރިވެއެވެ. މި ޕްރޮގްރާމްގެ ދަށުން އުނގަންނައިދޭ ދާއިރާތަކުގެ ތެރޭގައި އޮޓޯ މޯބައިލް އިންޖިނިއަރިން، މެރިން އިންޖިނިއަރިން، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން، ވެލްޑިން، މެޓަލް ފެބްރިކޭޝަންއަދި އޮފީސް މެނޭޖުމަންޓް ހިމެނެއެވެ.

މި ތަމްރީނުތަކާ ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނީ، "މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެޕްރޫވްޑް، ލެވެލް 3ގެ ސެޓިފިކެޓެއް ހާސިލުކުރެވޭނެ"ކަމަށެވެ. އަދި މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފަންނީ ތަފާތު ދާއިރާތަކުގައި ގިނަ ދުވަހު އަމަލީ މަސައްކަތް ކުރައްވާފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.

ކިހާދޫގައި ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުންނަށް ވައުދު ލައިދެއްވީ ސްކޫލު އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގެ އެކްޒެކެޓިވް އޮފިސަރު ކެޕްޓަން މުހައްމަދު ޝަރީފެވެ. އަދި ދަރިވަރުންގެ އަޒުމް އާކޮށްދެއްވީ އެ ސްކޫލުގެ ކޮމާންޑިންގ އޮފިސަރު މޭޖަރ ޙުސައިން ޝާހިދެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0