ޕީސީބީގެ ރައީސްކަމަށް ނިޒާރަށް މަޖިލީހުން ރުހުން ދީފި
ދައުލަތުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްކަމުގެ މަގާމަށް މއ. ޔެލޯބޯލް، މުހައްމަދު ނިޒާރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަނުކުރެއްވީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާއަށް ރުހުން ދިނުމަށް ފެންނަ ކަމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
މުހައްމަދު ނިޒާރަކީ މީގެ ކުރިންވެސް ޕީސީބީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2014 އިން 2019 އަށް އޭނާ ވަނީ އެ މަގާމު ފުރުއްވާފައެވެ. ނިޒާރަކީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން އެމްބީއޭ ހާސިލްކުރައްވައިގެން ހުންނެވި، ބައިނަލްއަގުވާމީ ވިޔަފާރި އާއި ކޯޕަރޭޓް މެނޭޖްމަންޓްގެ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ނިޒާރަކީ، ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި އެ ކުންފުނިތަކުގެ ހިންގުން މޮނިޓާކޮށް ބެލެހެއްޓުމުގެ ފަންނީ މާހިރެކެވެ. އޭނާ ވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައެވެ.
މީގެ އިތުރުން، ނިޒާރު ވަނީ މޯލްޑިވް ގޭސްގެ ބޯޑު މެންބަރުކަން ކުރައްވާފައެވެ. އަދި ރިސްކް މެނޭޖްމަންޓް، ޕްރޮކިއުމަންޓް އަދި ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ ގައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައިވެސް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.






ރިއެކްޓް