ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާ ބިލު މަޖިލީހަށް ބަލައިގެން މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި
ސިނގިރޭޓަކުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ އެ ބިލު މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވައިފިއެވެ.
މި ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި އިދިކޮޅު އެމްޑީޕީގެ އެއްވެސް މެންބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. މަޖިލީހުގެ ތަޅުމުގައި ހިނގި ހޫނު ބަހުސްތަކާއި ޒުވާބުތަކަށް ފަހު އެމްޑީޕީގެ ބައެއް މެންބަރުންގެ ނަން އިއްވައި މަޖިލީހުން ބޭރުކޮށްފައިވާއިރު، ބައެއް މެންބަރުން ވޯޓު ގަޑީގައި ތަޅުމުގައި ވަޑައިގެން ނެތެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި މި ބިލު ދިރާސާކުރުމަށް ފޮނުވާފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިގޮތަށް ނިންމެވީ ބިލުގެ މަސައްކަތް އަވަސްކުރުމުގެ ބޭނުމުގަ އެވެ. މިއީ އާންމުކޮށް ބިލުތަކުގެ މަސައްކަތް އަވަސްކުރަން މަޖިލީހުގައި އަމަލުކުރާ އުސޫލެކެވެ.
ބިލަށް ބަހުސް ކުރައްވަމުން ޕީއެންސީގެ މެންބަރުން ވިދާޅުވީ ކުރިން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރީ ވޭޕް މަނާކުރުމުން ގިނަ ބަޔަކު ސިނގިރޭޓަށް ބަދަލުވެދާނެތީ ކަމަށެވެ. ނަމަވެސް، ދިރާސާތަކުން އެނގުނު ގޮތުގައި ވޭޕް ބޭނުންކުރި މީހުން ދުންފަތަށް ހިޖުރަކޮށްފައި ނުވާ ކަމަށާއި، އެހެންކަމުން މިހާރު ޑިއުޓީ ކުޑަކުރަން ނިންމީ އިލްމީ ދިރާސާތަކުގެ އަލީގައި ކަމަށް މެންބަރުން ފާހަގަކުރެއްވި އެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، "އެއީ ވޭޕުން މި ލިބެމުންދާ ގެއްލުން، ޖީލެއް ހަލާކުރަމުން މިދާ ދިއުން ބޭންކޮށްފައި އަޅުގަނޑުމެން އޭރު ވިސްނުމަކަށް އައީ ވޭޕް ބޭންކުރީމާ އެ ކޮމިއުނިޓީ ދުންފަތަށް ހިޖުރަކޮށްފާނެތީ އައި ކަންބޮޑުވުން. އެއީ އަޅުގަނޑުމެން މިއަދު ވެސް އޮތް ކަންބޮޑުވުމެއް،" ކަމަށެވެ. ނަމަވެސް ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އެފަދަ ބަދަލެއް އައިސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބިލުގެ ބަހުސްގެ ތެރޭގައި އެއް ޕާޓީން އަނެއް ޕާޓީއަށް ވައްކަމުގެ ތުހުމަތުތައް ކޮށްފައިވާއިރު، އިދިކޮޅު މެންބަރުން ވަނީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންގެ ވާހަކަ ދިމާނުވާ ކަމަށް ބުނެ ފާޑުކިޔާފަ އެވެ. ބިލު މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.






ރިއެކްޓް