ޚަބަރު , ސިޔާސީ

އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވުމުގެ އަމަލީ މަސައްކަތް ފަށައިފި

29 ޖޫން 2026 - 20:46
އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވުމުގެ އަމަލީ މަސައްކަތް ފަށައިފި
އައްޑޫގައި މިފްކޯގެ މަސް ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެެރެއިން

މާލޭގެ އިތުރުން ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) ގެ ފިހާރަތައް ހުޅުވުމުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ. 

މިއީ މިފްކޯގެ އުފެއްދުންތައް ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިފްކޯގެ ޗީފް އޮޕަރޭޓިންގ އޮފިސަރު (ސީއޯއޯ) ހާމިދު ނަޒީމް އިބްރާހީމް ވިދާޅުވީ، ކުންފުނީގެ އުފެއްދުންތައް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަށެވެ. އެގޮތުން، އަތޮޅުތެރޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި މަޝްރޫޢުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގެ ސިޓީތަކަށާއި އާބާދީ ބޮޑު ރަށްރަށަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތުގެ ދަށުން، މި އަހަރުގެ މޭ މަހުގެ ތެރޭގައި ވަނީ އަތޮޅުތެރޭގައި ހުޅުވި މިފްކޯގެ ފުރަތަމަ އައުޓްލެޓް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވާފައެވެ. މިއީ އަތޮޅުތެރޭގެ ރަށްތަކަށް މިފްކޯގެ ވިއުގަ ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިފްކޯއިން ބުނި ގޮތުގައި މި ފިހާރަތައް އިތުރުކުރުމުގެ މައިގަނޑު މަގުސަދަކީ ދިވެހި މަސްވެރިންގެ އުފެއްދުންތަކަށް އޮތް ތަރުހީބު އިތުރުކުރުމެވެ. އަދި ކޮލިޓީ ރަނގަޅު ދިވެހި އުފެއްދުންތައް ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން އަތްފޯރާފަށުގައި ލިބޭނެ ގޮތް ހެދުމަކީވެސް މި މަސައްކަތުގެ މުހިންމު މަގުސަދެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0