ޚަބަރު

ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ރިޝްވަތު ނެގިކަން ސާބިތުވެ ޖަލަށް ލާން ހުކުމްކޮށްފި

26 ޖޫން 2026 - 23:14
ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ރިޝްވަތު ނެގިކަން ސާބިތުވެ ޖަލަށް ލާން ހުކުމްކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލްގެ އަނބިކަނބަލުން ކިމް ކިއޮން ހީގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެ، ހަތް އަހަރުގެ ޖަލު ހުކުމެއް އެ ގައުމުގެ ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން އިއްޔެ އިއްވައިފި އެވެ.

މި ހުކުމް އިއްވާފައިވަނީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމުގެ ބަދަލުގައި އަގުބޮޑު ގަހަނާ އާއި ލަގްޒަރީ ދަބަސް ފަދަ ތަކެތި ރިޝްވަތުގެ ގޮތުގައި ކިމް ހޯއްދެވިކަން ކޯޓަށް ސާބިތުވުމާ ގުޅިގެންނެވެ.

މި މައްސަލަ ބެއްލެވި އިސް ގާޒީ ވިދާޅުވި ގޮތުގައި، ކިމް ވަނީ ފަސްޓް ލޭޑީގެ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ސަރުކާރާއި ޕާލަމެންޓުގެ މުހިންމު މަގާމުތައް ހޯދައިދިނުމަށާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެހީތެރިވެދީފަ އެވެ. އާންމު ރައްޔިތުންނަށް މުޅި އުމުރުގައި ވެސް ފެންނަން ނުލިބޭ ފަދަ އަގުބޮޑު ތަކެތި ރިޝްވަތުގެ ގޮތުގައި ހޯއްދެވުމުގައި ކިމް އެއްވެސް ޖެހިލުމެއް ނެތި އަމަލުކުރައްވާފައިވާ ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ.

ކިމް ރިޝްވަތުގެ ގޮތުގައި ހޯއްދެވި ތަކެތީގެ ތެރޭގައި ޑިއޯ ބްރޭންޑުގެ އަތްދަބަހަކާއި، ގާތްގަނޑަކަށް ފަންސަވީސް ހާސް އެމެރިކާ ޑޮލަރުގެ އަގުހުރި ވެޝެރޮން ކޮންސްޓަންޓިން ގަޑިއެއްގެ އިތުރުން އެއްލައްކަ ސާޅީސް ހާސް ޑޮލަރުގެ އަގުހުރި ކުރެހުމެއް ހިމެނޭ ކަމަށް ކޯޓުގެ ރިޕޯޓުތަކުން ދައްކަ އެވެ.

ކޯޓުން ހާމަކުރި ގޮތުގައި ކިމްއަށް ރިޝްވަތު ދިން މީހުންގެ ތެރޭގައި އޭނާގެ ދަނބިދަރިއަށް ސަރުކާރުގެ ވަޒީފާއެއް ހޯދުމަށް މަސައްކަތް ކުރި ކުންފުންޏެއްގެ ވެރިއަކާއި، މަތީ ފަންތީގެ އޮފިޝަލުންނާ ގުޅުން ބަދަހިކުރަން ބޭނުންވި ދީނީ އިލްމުވެރިއަކާއި، އަމިއްލަ ޔުނިވާސިޓީއެއްގެ ކުރީގެ އިސްވެރިޔާ ހިމެނެ އެވެ. މި އަމަލުތަކުގެ ސަބަބުން ސަރުކާރުގެ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި އޮންނަންޖެހޭ އިންސާފުވެރިކަމަށް އާންމުން ކުރާ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޖަލު ހުކުމުގެ އިތުރުން ކޯޓުން ވަނީ ކިމް ފަސްދޮޅަސް ހަތަރު މިލިއަނަށްވުރެ ގިނަ ވޮންއިން ޖޫރިމަނާކޮށް، ރިޝްވަތުގެ ގޮތުގައި ލިބުނު ތަކެތި ފެނިއްޖެ ނަމަ ދައުލަތަށް ނެގުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް ކިމްގެ މައްޗަށް ކުރެވުނު ހުރިހާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކުރައްވާފަ އެވެ. އޭނާގެ ވަކީލުން ބުނާ ގޮތުގައި މި ހުކުމް އިސްތިއުނާފު ކުރާނެ އެވެ.

ކިމް މިހާރުވެސް ހުންނެވީ ހިއްސާގެ ބާޒާރުގައި މަކަރު ހެދުމާއި އެހެން ރިޝްވަތުގެ މައްސަލައެއްގައި މިދިޔަ އޭޕްރީލް މަހު އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށް ޖަލުގަ އެވެ. ކިމްގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔޯލް މަގާމުން ވަކިކޮށް އޭނާގެ މައްޗަށް ބަޣާވާތް ރޭވުމުގެ ކުށް ސާބިތުވެ، މިދިޔަ ފެބްރުއަރީ މަހު ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0