ވެރިކަމަށް އައުމަށް ހިތަށްއަރާ މީހަކުވެސް މުއިއްޒު ދަނީ ވަކިކުރަމުން: ފައްޔާޒު
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ތެރެއިން ވެރިކަމަށް އައުމަށް ހިތަށްއަރާފާނެ ކަމަށް ބެލެވޭ ކޮންމެ މީހަކުވެސް އެމަނިކުފާނު މަގާމުތަކުން ވަކިކުރައްވަމުން ގެންދަވާ ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ސަންގު ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ފައްޔާޒު ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީގެ ތެރޭގައި ތިއްބެވި ބޭފުޅުން ތިއްބެވީ ބިރުން ކަމަށާއި، ޚުދުމުޚުތާރު ވެރިކަމެއްގެ ސިފަތައް މި ސަރުކާރުން ފެންނަމުންދާ ކަމަށެވެ. އަދި ރައީސް މުއިއްޒު ނޫން އެހެން ބޭފުޅަކު ވެރިކަމަށް ޝައުގުވެރިވުމަކީ މައްސަލައަކަށް ވެގެން ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފައްޔާޒު ވިދާޅުވީ، "އެކަހަލަ ކަމެއް ކޮށްފާނެހެން ވެރިކަމާ ހިސާބަށް އެ ބޭފުޅުންގެ ތެރެއިން ހިތަށްއަރާފާނެހެން ހީވާ މީހަކުވެސް ވަކުކުރަމުންގެންދަނީ. މިސާލަކަށް، ގައްސާނު. މިސާލަކަށް، އާދަމް ޝަރީފް އިނގޭތޯ. މި ބޭފުޅުން ކެބިނެޓުން ވަކިކުރެއްވީ ހަމަ ރައީސް މުޢިއްޒުގެ ހިތް ނުތަނަވަސްވާތީ،" ކަމަށެވެ.
ފައްޔާޒު އިތުރަށް ވިދާޅުވި ގޮތުގައި އެ ބޭފުޅުންގެ ފަރާތުން އެފަދަ އަމަލެއް ފެނިގެން ނޫން ނަމަވެސް، އަމިއްލައަށް ހިތްޕުޅަށް އަރާ ވަހުމެއްގެ ސަބަބުން ރައީސް އެފަދަ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށެވެ.
ސަރުކާރު ހިންގާ ޕާޓީގެ ތެރޭގައި ޑިމޮކްރެޓިކް އުސޫލުތައް ނެތްކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ، ކޮންގްރެސްއެއް ބާއްވައިގެން ޓިކެޓް އެދެނީ އެހެންވެގެން ކަމަށެވެ. ޕީއެންސީގެ ތެރެއިން މިހާރު ފެންނަނީ ޚުދުމުޚުތާރުކަން ކަމަށާއި މުއިއްޒު ދައްކަވަމުން ގެންދަވަނީ ހުދުމުހުތާރު ވެރިން ދައްކާ ކަހަލަ ވާހަކަތަކާއި އަމަލުތައް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މި ބަސްދީގަތުމުގައި ފައްޔާޒު ވަނީ އެމްޑީޕީގެ ތެރޭގައި ތިއްބެވި ބޭފުޅުންނަކީ އަމިއްލަ ތަސައްވުރެއް އޮވެގެން މަސައްކަތް ކުރާ ބައެއްކަން ފާހަގަކުރައްވައި، ސަރުކާރު ކޯލިޝަންގެ ތެރޭގައި ތިއްބެވި ބޭފުޅުން ތިއްބެވީ ވާހަކަ ދައްކަން ބިރުން ކަމަށް ވިދާޅުވެފައެވެ.






ރިއެކްޓް