ބޮޑު ބަދަލަކީ އާރުލާ އެއްޗެއް، ޕީއެންސީން ވެސް ބޮޑު ބަދަލާއި ގުޅެން ޖެހޭ: ފިއްޓެ
އެމްޑީޕީއިން ރާއްޖެއަށް ގެންނަން އުޅޭ ބޮޑު ބަދަލަކީ އާރުލާ އެއްޗެއް ކަމަށާއި، ސަރުކާރު ހިންގާ ޕީއެންސީން ވެސް އެ ބަދަލާ ގުޅެންޖެހޭ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވެއްޖެއެވެ.
ފިއްޓެ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި ދިވެހިރާއްޖޭގެ ރައްވެއްސަކަށް ވުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ އެއް ރަށުން އަނެއް ރަށަށް ބަދަލުވުމަކީ މީހާގެ އައިޑެންޓިޓީ ގެއްލޭ ކަމެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ދާއިމީ އެޑްރެހަށް އަންނަ ބަދަލެއް ކަމަށެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން ފިއްޓެ ވަނީ ރައްޔިތުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ފްލެޓް ލިބުނު ފަރާތްތަކުގެ މައްސަލަ އަލުން ބަލައި ފްލެޓްތައް އަތުލަމުންދާއިރު، މާލެއިން ގޯތި ލިބުނު މީހުންނަކީ ހައްގުވެރިންތޯ ބެލުމެއް ނެތި އެކަން ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. "މިކަހަލަ ބިލެއް ލައިގެން ތަފާތުކުރާ ތަފާތުކުރުން އެބަޖެހޭ ނިމުމަކަށް ގެންނަން،" ފިއްޓެ ވިދާޅުވިއެވެ.
ފިއްޓެ ވިދާޅުވީ ކުރިން ބޮޑު ބަދަލާ މެދު މާ ބޮޑު ޝައުގުވެރިކަމެއް ނެތް ނަމަވެސް، ޕީއެންސީގެ މެންބަރުން އެ ބަދަލާ ދެކޮޅު ހަދާތީ އެއީ އާރުލާ ކަމެއްކަން މިހާރު ގަބޫލުކުރެވޭ ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ގެނައި ހުރިހާ ބޮޑެތި ބަދަލުތަކެއްގެ ފަހަތުގައި އޮތީ އެމްޑީޕީކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
"އަޅުގަނޑު އެދެނީ މި ގެންނަން މިއުޅޭ ބޮޑު ބަދަލުގައި ޕީއެންސީ ވެސް މިކަމާ ވިސްނައި އަޅުގަނޑުމެންނާ ބައިވެރިވުން،" ފިއްޓެގެ ވާހަކަ ނިންމާލަމުން ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވީ މާލޭގެ ރައްޔިތުންނަށް ވެސް ކަންކަން ކޮށްދީފައިވަނީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށެވެ.






ރިއެކްޓް