ސިޔާސީ , ޚަބަރު

"އިދާރީ މައްސަލައެއްގެ" ސަބަބުން އަނގަބަންދު އަމުރުގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފި

29 ޖޫން 2026 - 10:02
"އިދާރީ މައްސަލައެއްގެ" ސަބަބުން އަނގަބަންދު އަމުރުގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފި

"އަދަދު" ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓަރީއަކާ ގުޅިގެން، އެ ޑޮކިއުމެންޓަރީއާ ބެހޭގޮތުން ވާހަކަ ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު "އަނގަބަންދު" އަމުރުގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި ޝެޑިއުލް ކުރުމަށްފަހު ކެންސަލްކޮށްފިއެވެ.

ހައިކޯޓުން މި އަޑުއެހުން ކެންސަލް ކުރީ "އިދާރީ މައްސަލައެއް" ދިމާވެގެން ކަމަށް އެ ކޯޓުން މައުލޫމާތު ދީފައިވެއެވެ.

ކްރިމިނަލް ކޯޓުން ނެރުނު މި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރީ އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އެވެ. މި އަމުރަކީ އެންމެހާ ރައްޔިތުންގެ މައްޗަށް އަމާޒުކޮށް، ވަކި މައުޟޫއަކަށް ވާހަކަ ދެއްކުން މަނާކޮށް ނެރުނު އަމުރެކެވެ.

މި އަމުރާ ހިލާފުވި ކަމަށް ބުނެ، އަދަދު ނޫހުގެ ބައެއް ނޫސްވެރިންނަށް ވަނީ ޖަލު ހުކުމްތަކެއް އައިސްފައެވެ. އެގޮތުން، އަމުރާ ހިލާފުވި ކަމުގެ ކުށުގައި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލާފައިވާއިރު، ކޯޓު އަމުރުގެ ހަބަރު ލިޔުނު ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަނީ 10 ދުވަހަށް ޖަލަށްލާފައެވެ.

މި މައްސަލައާ ގުޅިގެން ރާއްޖޭގެ ބާ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބާ ކައުންސިލުން ވަނީ މި އިސްތިއުނާފު މައްސަލައިގެ ތެރެއަށް ތަދައްހުލުވެ، ކޯޓު އަމުރާ މެދު ހުރި ގާނޫނީ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

އިދާރީ މައްސަލައެއް ދިމާވެގެން މިއަދުގެ އަޑުއެހުން ކެންސަލް ކުރި ނަމަވެސް، ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ތާރީޚެއް ހައިކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0