ސިޔާސީ , ޚަބަރު

އެމްޑީޕީ އާއި ޕީއެންސީއަކީ ދާދި އެއްގޮތަކަށް ހިނގާ ދެ ޕާޓީ: މުންދު

27 ޖޫން 2026 - 13:21
އެމްޑީޕީ އާއި ޕީއެންސީއަކީ ދާދި އެއްގޮތަކަށް ހިނގާ ދެ ޕާޓީ: މުންދު

ވެރިކަން ކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީއަކީ ސިޔާސީ ފިކުރާއި ހިންގުމުގެ ގޮތުން ބަލާއިރު މާ ބޮޑު ތަފާތެއް ނެތް، ގާތްގަނޑަކަށް އެއްގޮތަކަށް ހިނގާ ދެ ޕާޓީ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތް މި ދެ ޕާޓީއަކީވެސް ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އެއް ހިސާބެއްގައި މަސައްކަތް ކުރާ ދެ ޕާޓީ ކަމަށެވެ. އަދި ދެ ޕާޓީގެ އަސާސްތަކާއި ފިކުރަށް ބަލާއިރު، ޕީއެންސީގެ ނަން ބަދަލުވެގެން އައި ނަމަވެސް، ދެ ޕާޓީގެ މެދުގައި މާ ބޮޑު ފަރަގެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަކީ ކޮމިއުނިސްޓް ޕާޓީތަކެއް ވެސް ނޫން. އަޅުގަނޑުމެންނަކީ ފެޝިސްޓް ޕާޓީތަކެއް ވެސް ނޫން. މި ދެ ޕާޓީއަކީ ޑިމޮކްރަސީގެ ދަންނަވަންޏާ، ގާތްގަނޑަކަށް އެއް ހިސާބެއްގައި ލައްވާލާ ދެ ޕާޓީއެއް،" މުންދު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕްގައި މިހާރު ތިއްބެވި ބައެއް ބޭފުޅުންނަކީވެސް ކޮންމެވެސް ހިސާބަކުން ޕީއެންސީގެ ފިކުރުގެ ތެރޭގައި އުޅުއްވާފައިވާ ބޭފުޅުން ކަމަށެވެ.

ޒިންމާދާރު ސިޔާސީ ޕާޓީތަކެއްގެ ދައުރާ ބެހޭގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ދެކޮޅު ހެދުމުގެ ބަދަލުގައި، ގައުމީ މަސްލަހަތު ހުރި ކަންކަމުގައި އެއްބަސްވެވޭނެ 'ކޮމަން ގްރައުންޑެއް' އޮންނަންޖެހޭނެ ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރުކުރުވުމަކީ ފާޑުކިޔުން ކަމަށްވީ ނަމަވެސް، އެއީ ހަމައެކަނި އިންތިޚާބުތަކަށް އަމާޒުކޮށްގެން ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ ސަރުކާރުން ކޯވިޑް-19 ގެ ތެރޭގައި އެޅި ބައެއް ފިޔަވަޅުތަކަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތާއީދުކުރިކަމަށްވެސް މުންދު ވިދާޅުވިއެވެ. ނަމަވެސް މިހާރު ފެންނަނީ ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ސަބަބެއް ބުނެދިނުމެއް ނެތި އިދިކޮޅު ހަދަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0