ރާއްޖެ ބަދަލުކުރީ އެމްޑީޕީން، އަނެއްކާވެސް ބޮޑު ބަދަލަކަށް މިސްރާބު ޖެހުން މުހިންމު: ނަޝީދު
ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހު ބަދަލުކޮށްލި ޕާޓީއަކީ އެމްޑީޕީ ކަމަށާއި، ރާއްޖޭގެ ތަނަވަސްކަމަށްޓަކައި އަނެއްކާވެސް ބޮޑު ބަދަލަކަށް މިސްރާބު ޖަހަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 21 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، 2008 ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނު އަސާސީ ދިވެހިންނަށް ހޯދައިދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެމްޑީޕީން ކަމަށެވެ. އަދި އެ ގާނޫނު އަސާސީގެ ސަބަބުން ގައުމަށް ގިނަގުނަ ކުރިއެރުންތަކެއް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ގިނަ ދުވަސްތަކަކަށްފަހު ފަސް އެނބުރި ބަލާއިރު މިހާރު ގޮންޖެހުންތަކެއް ހުރިކަން ގަބޫލުކުރަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. "ދިވެހިރާއްޖެ އަނެއްކާވެސް ބޮޑު ބަދަލަކަށް މިސްރާބު ޖެހުމަކީ ދިވެހިންގެ ތަނަވަސްކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ ހުރިހާ މެންބަރުންނަށް މަރުހަބާ ދަންނަވާފައެވެ. އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރެވުނު ސިޔާސީ ޕާޓީއެވެ.
ރިއެކްޓް
ރަނގަޅު
0
ސަކަރާތް
1
ލޯބި
0
މަޖާ
0





