ސިޔާސީ , ޚަބަރު

ފެހި ގާނޫނު އަސާސީއަށް ބާރުތައް ވަތްކެއް ނުވި، ބޮޑު ބަދަލެއް ގެންނަން ޖެހޭ: ނަޝީދު

26 ޖޫން 2026 - 17:18
ފެހި ގާނޫނު އަސާސީއަށް ބާރުތައް ވަތްކެއް ނުވި، ބޮޑު ބަދަލެއް ގެންނަން ޖެހޭ: ނަޝީދު

2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނު އަސާސީގެ މައިގަނޑު އަމާޒަކީ ދައުލަތުގެ ތިން ބާރު ވަކިކުރުން ކަމަށް ވީނަމަވެސް، އެކަން އެގޮތަށް ހާސިލްނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އައު ޗެއާޕާސަންގެ މަގާމު މިފަހުން ކާމިޔާބު ކުރެއްވި ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ނިޒާމު އޮތްގޮތުން ރިޔާސީ އިންތިޚާބާއެކު ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބިގެންދާ ކަމަށެވެ. މީގެ ސަބަބުން ދައުލަތުގެ ހުރިހާ ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ ދަށަށް ގެންދިއުމުގެ ފުރުސަތު ފަހިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"2008 ވަނަ އަހަރުގެ ގާނޫނު އަސާސީގެ އަމާޒަކަށްވީ 3 ބާރު ވަކިކުރުން. އެކަމެއް ނުވި. ރައީސްގެ އިންތިޚާބާއެކު ރައީސްގެ ޕާޓީއަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު 'ގަނޭވޭ'، އެއާއެކު ހުރިހާ ބާރެއް ރައީސްގެ ދަށަށް ގެންދޭވޭ،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު އޮތް ނިޒާމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރެވޭނެ އެކަށީގެންވާ މަގުތަކެއް ނެތްކަން ފާހަގަކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އަނެއްކާވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.

ރައީސް ނަޝީދު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފައްޔާޒް އިސްމާއީލާއި އެމަނިކުފާނު ވަކާލާތު ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 2
ލޯބި ލޯބި 0
މަޖާ މަޖާ 0