މި ސަރުކާރުން ދީން ބޭނުންކުރަނީ ސިޔާސީގޮތުން ރައްޔިތުން ތަޅުއަޅުވަން: ފައްޔާޒު
މި ސަރުކާރުން ދީން ބޭނުންކުރަނީ ސިޔާސީގޮތުން ރައްޔިތުން ތަޅުއަޅުވައި، ސިޔާސީ މަންފާ ހޯދުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ޗެަާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް 21 އަހަރު ފުރުމާ ގުޅިގެން ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވަނީ މި ސަރުކާރުގެ ދީނީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ފައްޔާޒު ވިދާޅުވީ މި ސަރުކާރުން ދީނީ ކަންކަމުގައި ބޭރުފުށަށް ދައްކާ ފެނުމަކީ ޕީއާރު ނުވަތަ މާކެޓިންގެ ބައެއް ކަމަށާއި، އޭގެ ބޭނުމަކީ އާންމު ރައްޔިތުންގެ މެދުގައި އެއީ ވަރަށް ދީނީ ބައެއްގެ ގޮތުގައި ދެއްކުން ކަމަށެވެ. ނަމަވެސް، ދީނުގެ އެންމެ އަސާސީ ކަންކަމާ މި ސަރުކާރުން ޚިލާފުވަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. "ދީނުގެ އެންމެ އަސާސީ ކަންކަމާ ޚިލާފުވެ، ވެރިން ދޮގުހެދުމާއި، ރައްޔިތުންނަށް އަނިޔާކުރުމާއި، ވައްކަންކުރުމާ، މި ހުރިހާ ކަމެއް ދީނީ އައްޑަނައެއްގައި ފަހަތަށް ލައިގެން ކުރަމުން އެދަނީ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ލާދީނީ ބައެއްގެ ގޮތުގައި ސިފަކޮށް، ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ ވާދަވެރިންނާ ދެކޮޅަށް މި ސަރުކާރުން ބޭނުންކުރަމުންދާ ކަމަށެވެ.
ސަރުކާރުގެ އަމަލުތަކަށް ފާޑުވިދާޅުވަމުން ފައްޔާޒު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ދީނުގެ އަސްލު ސިފަތައް ޕްރޮމޯޓް ކުރާކަށް ނޫން ކަމަށެވެ. "އެއްގޮތަކަށްވެސް، ހަމަ ޙަޤީޤީ ދީނުގެ (އުސޫލުތައް ދޫކޮށް) ހަމަ ބޭރުފުށަށް ހަރުކަށި ގޮތްތަކެއް ދައްކައިގެން ދީން ބޭނުންކޮށްގެން ސިޔާސީގޮތުން ރައްޔިތުން ތަޅުއަޅުވަން މަސައްކަތްކުރާ ބައެއް މިއީ،" އޭނާ ވިދާޅުވިއެވެ. އަދި އިސްލާމްދީނަކީ ބުއްދިއާއި އިންސާނީ ޙަޤީޤަތްތަކުގެ މައްޗަށް ބިނާވެފައިވާ ދީނެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ވާހަކަ ނިންމަވާލައްވަމުން ފައްޔާޒު ވިދާޅުވީ، އޭނާއާ ދިމާލަށް ލާދީނީއޭ ބުނި ކަމުގައިވިޔަސް، އޭނާގެ ދީނީ ކަންކަން ދެނެވޮޑިގެންވާ ފަރާތެއް ވާނެ ކަމަށާއި އެކަން ސާބިތުކޮށްދޭން އޭނާ ނުޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ ބޭފުޅުންގެ ހަގީގީ އަމަލުތައް ހުރިގޮތުން، އެ ވާހަކަތައް ދައްކައިފިނަމަ އާލަވަމުން އަންނަ ޖީލުތަކުގެ މެދުގައި ދީނާ މެދު އޮންނަ އުންމީދު ކެނޑިދާނެތީ އެ ވާހަކަތައް ނުދައްކަވަނީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.






ރިއެކްޓް