އެމްޕީއެލް ބާޖަކުން ވެއްޓުނު ކޮންޓެއިނަރުތައް: މިހާތަނަށް ފެނުނީ 2 ކޮންޓެއިނަރ
މާލޭގެ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް ބާޖަކުން ކަނޑަށް ވެއްޓުނު ފަސް ކޮންޓެއިނަރުގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ދެ ކޮންޓެއިނަރު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ބާކީ ތިން ކޮންޓެއިނަރު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގައި ކަނޑަށް ވެއްޓިފައިވަނީ ޖުމްލަ ފަސް ކޮންޓެއިނަރެވެ. މީގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ ދެ ކޮންޓެއިނަރު ކަމަށްވާއިރު، އަނެއް ތިން ކޮންޓެއިނަރު އަދިވެސް ނުފެންނަ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާގައި ކަނޑަށް ވެއްޓުނު ކޮންޓެއިނަރުތަކަކީ ހުސް ކޮންޓެއިނަރުތަކެއް ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ. އެހެންކަމުން އޭގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާނެ ފަދަ މުދަލެއް އޭގައި ނެތް ނަމަވެސް، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކަށް މީގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ބާޖުން ވެއްޓުނު ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ބެލެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދުން ކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.
މި ހާދިސާއާ ގުޅިގެން ގެއްލިފައިވާ ކޮންޓެއިނަރުތައް ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ. މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެމްޕީއެލްއިން ބަލަމުންދާނެ ކަމަށް ބެލެވެއެވެ.






ރިއެކްޓް