ލައިފްސްޓައިލް

މި ކޮޓަރީގައި ހުރި ވަކިލާރީގެ އަދަދު ދިމާކުރާ ފަރާތަކަށް 10،000 ޑޮލަރު

5 ޖުލައި 2026 - 19:18
މި ކޮޓަރީގައި ހުރި ވަކިލާރީގެ އަދަދު ދިމާކުރާ ފަރާތަކަށް 10،000 ޑޮލަރު
ފޮޓޯ: ސޯޝަލްމީޑިއާ/މރ. ބީސްޓް

މަޝްހޫރު ޔޫޓިއުބަރ މރ. ބީސްޓް، ކޮޓަރިއެއް ފުރާ ވަކިލާރި ޖަމާކޮށް، އެ ވަކިލާރީގެ ސީދާ އަދަދު ދިމާކުރާ ފަރާތަކަށް 10،000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

04 ޖުލައި 2026 ގައި ފެށި މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ވާއިރު، 04 ޖުލައި 2027 ގައި މި ކޮންޓެސްޓް ނިމޭނެއެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުގެ ކުރިން އެއްވެސް ފަރާތަކުން ސީދާ ރަނގަޅު އަދަދު ދިމާކޮށްފި ނަމަ، އެ ހިސާބުން ކޮންޓެސްޓް ނިމި އިނާމު ލިބޭނެއެވެ. އެއް އަހަރު ހަމަވާއިރު ވެސް އެއްވެސް މީހަކަށް ސީދާ އަދަދު ދިމާ ނުކުރެވިއްޖެ ނަމަ، ރަނގަޅު އަދަދާ އެންމެ ގާތްކުރި ފަރާތަކަށް ފައިސާގެ އިނާމު ލިބޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ކޮންޓެސްޓްގައި ބައިވެރިވުމަށް މރ. ބީސްޓް އެކްސް (ކުރީގެ ޓުވިޓަރ) ގައި ކޮށްފައިވާ ޕޯސްޓަށް ރިޕްލައި ކުރަން ޖެހެއެވެ. އެ ރިޕްލައިގައި ރަނގަޅު ހޭޝްޓެގް ހިމެނުމަކީ ލާޒިމު ކަމެކެވެ. ފާހަގަކޮށްލެވޭ މުހިއްމު ކަމަކީ، އަދަދު ދިމާކުރުމަށް އާރޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުން މުޅިން މަނާކޮށްފައި ވާ ކަމެވެ.

މި ކޮންޓެސްޓް ހުޅުވާލެވިފައި ވަނީ 18 އަހަރުން މަތީގެ ފަރާތްތަކަށެވެ. އެމެރިކާގެ "ޓްރޭޑް ބޭން" އޮންނަ ޤައުމުތައް ކަމުގައިވާ ރަޝިޔާ، ޗައިނާ، ކިއުބާ، އަދި ނޯތް ކޮރެއާ ފަދަ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބައިވެރި ނުވެވޭނެއެވެ. މީގެ އިތުރުން، ކެނެޑާގައި ދިރިއުޅޭ ފަރާތެއް މޮޅުވެއްޖެ ނަމަ، އިނާމު ހޯދުމަށް "ހިސާބު ސުވާލަކަށް" ޖަވާބު ދޭން ޖެހޭނެއެވެ.

މި ޕްރޮމޯޝަން ހިންގާނީ މރ. ބީސްޓުގެ ކުންފުނިން ކަމަށާއި، އެކްސް ޕްލެޓްފޯމާ މި ކޮންޓެސްޓާ އެއްވެސް ގުޅުމެއް ނެތް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. މރ. ބީސްޓް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ މި ފަދަ ބޮޑެތި ޗެލެންޖްތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ޝައުޤުވެރިކަން ލިބެމުންދާއިރު، ޝަރުޠު ހަމަވާ ދިވެހިންނަށް ވެސް މި ކޮންޓެސްޓްގައި ބައިވެރިވުމުގެ ފުރުޞަތު އެބައޮތެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 2
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0